English Edition
Dhivehi Edition

މިމަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް ވޯޓު ދިނުން ނޫންގޮތެއް ނެތް ކަމަށާއި ޕީއެންސީއަށް ވޯޓު ދީފިއްޔާ އަނެއްކާވެސް އަނިޔާވެރިކަން މި ގައުމުގައި އިޔާދަވެދާނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނުގައި ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދަޅުވީ އިންތިހާބުގައި ވޯޓުލުމުގެ ކުރިން ވަރަށް ވިސްނަން ޖެހޭ ކަމަށާއި މިފަހަރުގެ މި އިންތިޚާބުގައި ޕީއެންސީ ކެންޑިޑޭޓަށް ވޯޓުދީގެން ހޮވައިފި ނަމަ އަނެއްކާވެސް މި ގައުމަށް ނާމާް ކަމާއި ބިރުވެރިކަން އަލުން އިއާދަވާނޭކަމަށެވެ. އެހެން ކަމުން މި އިންތިޚާބުގައި އެމްޑީޕާއަށް ވޯޓު ދިނުން ނޫންގޮތެއް ރައްޔިތުންނަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ގައުމުގެ މުސްތަގުބަލު ކަނޑައެޅުމުގައި ކޮންމެ ރައްޔިތަކު ވެސް އަދާކުރަން ޖެހޭ ވާޖިބެއް ކަމަށާއި މި އިންތިހާބުގައި އޮތީ އެމްޑީޕީ އާއި ޕީޕީއެމްގެ ވާދަވެރިކަން ކަމަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު އިންތިހާބުވެވަޑައިގަތަސް ސަރުކާރާ ހަވާލުވާނީ 2013 އިން 2018 އަށް ވެރިކަން ކުރި މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިމިގެން ދިޔަ ފަސް އަހަރަކީ އެއީ ރާއްޖެ ދުށް އެންމެ ނާމާން އަދި އުނދަގޫ ދުވަސްވަރު ކަމަށާއި އެދުވަސްތައް ހަނދާންކޮށް އެކަން ތަކުރާރު ވިޔަ ނުދިނުމަށް ދިވެހިން ވިސްނަން ޖެހޭނޭ ކަމަށެވެ.

“އެ ދުވަސްތައް ހަނދާންކޮށް ތަކުރާރުކޮށް އެޔާ މެދު ވިސްނަން ޖެހޭ. ޑރ. މުއިއްޒު, ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދީފިއްޔާ, އެ ކާމިޔާބުވާ ކަމަށް ވަންޏާ އަނެއްކާ ވެސް އެނބުރި ދެވޭނީ އެ ބިރުވެރި ނާމާންކަމަށް. އެއީ އަޅުގަނޑުމެންނަށް އޮތް ޗޮއިސެއް ނޫން,” ރައީސް ވިދާޅުވި އެވެ.