English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ ގިނަ މަޝްރޫޢުތަކަކީ، އޭގެ ތަފްޞީލު އާއްމުކުރުމަށް ސަރުކާރުން ފަސްޖެހޭ، އަދި ގޮތް ނޭންގޭ އެއްބަސްވުންތަކެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އދ. މަހިބަދޫއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖް މަސައްކަތާއި، ހަނިމާދުއާއި އައްޑޫގައި ހިންގާ މަޝްރޫޢުތަކާއި އަދި އުތުރު ތިލަފަޅުގެ މަޝްރޫޢުގެ އެއްބަސްވުންތަކަކީވެސް މިހާރުގެ ސަރުކާރުން ތަފްޞީލު ހާމަކުރުމަށް ފަސްޖެހިފައިވާ އަޑި ނޭންގޭ މަޝްރޫޢުތަކެއް ކަމަށެވެ. އަދި އެއީ ވެގެންވާނޭ ގޮތެއް ނޫންކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގެ މަޝްރޫއުކަމުގައިވިއަސް އެހެން މަޝްރޫއެއް ވިޔަސް، އެއީ ގައުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަކަށް ވަންޏާ ހަމަ ޖީއެމްއާރު ބޭރުކުރި ގޮތަށް އެ މަޝްރޫއުތައް ވެސް ބާތިލްކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

“އުތުރު ތިލަފަޅު މަޝްރޫއު ވިޔަސް އެހެން މަޝްރޫއެއް ވިޔަސް، އެއީ ގައުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަކަށް ވަންޏާ ހަމަ ޖީއެމްއާރު ބޭރުކުރި ގޮތަށް އިރާދަކުރެއްވިއްޔާ އެ މަޝްރޫއުތައް ބާތިލްކުރާނަން،” މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ ގިނަ މަޝްރޫޢުތަކަކީ، އޭގެ ތަފްޞީލު އާއްމުކުރުމަށް ސަރުކާރުން ފަސްޖެހޭ، އަދި ގޮތް ނޭންގޭ އެއްބަސްވުންތަކެއް ކަމަށެވެ. އެކަން އެހެން ވެގެން ނުވާނެ ކަަމަށް މުޢިއްޒު ވިދާޅުވިއެވެ.