English Edition
Dhivehi Edition
އިދިކޮޅު ޕީޕީއެމާއި ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށް ދެން ތާއީދު ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމު ވިދާޅުވެއްޖެއެވެ.

ގާސިމު އެހެން ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލައް ސިޓީއަށް ވަޑައިގެން އެ ސިޓީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ޤާސިމް ވަނީ ޕީޕީއެމް އަދި އެމްޑީޕީ އަށް ތާއީދުނުކުރައްވާ ސަބަބުވެެސް ހާމަކޮށްފައެވެ. އެގޮތުން ގާސިމް ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމް ވެރިކަމަށް ގެންނަން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ތާއީދު ކުރެވިއްޖެ ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ވެސް ވެރިކަމަށް އައުމަށްފަހު ގާނޫނުތަކާއި ހިލާފުވެ ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.

އެހެންކަމުން މިފަހަރު މިއީ އެމަނިކުފާނަށް ފުރުސަތު ދެއްވަން ވީ ފަހަރު ކަމަށާއި ޕީޕީއެމާއި އެމްޑީޕީއަށް ދެން ތާއީދު ކުރެވެން ނެތް ކަމަށް މާފާއި އެކު ދަންނަވާކަމަށް ގާސިމު ވިދާޅުވިއެވެ. ގާސިމް އިތުރަށް ވިދާޅުވީ ޕީޕީއެމް އަދި އެމްޑީޕީ އަކީވެސް ފެއިލްވެފައިވާ ދެ ޕާޓީ ކަމަށެވެ.

“މާފު ކުރައްވާ، އަޅުގަނޑަކަށް ދެން ނެތް އެބޭފުޅުންނަށް ތާއީދު ކުރެވޭކަށް. އެ ޕާޓީތައް ފެއިލްވެއްޖެ އިނގޭތޯ. ވަރަށް ރީތިކޮށް، ވަރަށް ސާފުކޮށް މިދެންނެވީ، އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ހޯދާ ދެވިއްޖެ، ދެ ފަހަރު ވެސް ގާނޫނު އަސާސީ ވޮއިލޭޓު ކުރީ. ގާނޫނު އަސާސީއާ ހިލާފަށް ކަންތައް ކުރީ. ދެރައީސުން ވެސް އަދި ޕީޕީއެމުން ވެސް ހަމަ އެކަން ކުރީ،” ގާސިމު ވިދާޅުވިއެވެ.

އެމްޑީޕީއާއި ޕީޕީއެމަށް ތާއީދު ކުރެވެން ނެތް ކަމަށް ގާސިމު މި ވިދާޅުވީ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމުއާއި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ވަނީ އެކޯލިޝަނާ ގުޅިވަޑައިގެންނެވުމަށް ގާސިމަށް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.