English Edition
Dhivehi Edition

އައްޑޫ ބިން ހިއްކަން ފެށުމުގެ ކުރިން ހިއްކާ ސަރަހައްދުގައި ހުރި 70،000 އަށް ވުރެ ގިނަ މުރަކަ ކޮލޮނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފިއެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އިއްޔެ ބުނީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އީއައިއޭގައިވާ ގޮތުގެ މަތިން މޮނީޓަރިން އަދި މިޓިގޭޝަންގެ ހުރިހާ ފިޔަވަޅެއް އެޅުމަށް ފަހު ކަމަށެވެ. ބިން ހިއްކަން ފެށުމުގެ ކުރިން ޓްރައިއަލް ޑްރެޖިންގެ މަސައްކަތް ފަށާފައިވަނީ ހިތަދޫ ޒޯން-2 ސަރަހައްދުންނެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއިން އެ އަތޮޅުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ވެގެންދާނެ ކަމަށް މަޝްްރޫއިން ތިމާވެއްޓަށް ކުރާ އަސަރު ބަލަން ހެދި އީއައިއޭ ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގައި އައްޑޫގެ ތިން ރަށަކުން ބިން ހިއްކުމުގެ އިތުރުން ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް ހިއްކުމަށް ވަނީ ނިންމައިފަ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.