English Edition
Dhivehi Edition

ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާއި ގުޅުވައިގެން ގާސިމް ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަޤާމުތަކެއްކަމަށާއި ބަރުލަމާނީގައި ޤައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ފަރާތެއް ނޫން ކަމަށެވެ.

ސިޔާސީ ވެރިން އެބޭފުޅަކަށް އެންމެ ރަނގަޅު ވެރިކަން ހިންގާ ނިޒާމެއް ވިދާޅުވަމުން ގެންދަވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ރިޔާސީ ނިޒާމަށް ތާއިދު ކުރައްވާފައެވެ. އަދި ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދެވުމަށް ގޮވާލެއްވިއެވެ.

ގާސިމް އިބްރާހިމް އާއި ޖުމްހޫރީ ޕާޓީން އައީ ފެށުނީންސުރެވެސް ރިޔާސީ ނިޒާމަށް ތާއިދު ކުރަމުންނެވެ. އެގޮތުން، ފާއިތުވި ނޮވެމްބަރު މަހު ނިޒާމުގެ ބަހުސް ހޫނުވުމާއި ގުޅިގެން، ގާސިމް އިބްރާހީމް ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތާއީދުކުރައްވާފައި ނުވާނޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ އެ ބައްދަލުވުމުގައި، ޖުމްހޫރީ ޕާޓީއާއި އެމަނިކުފާނުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަން ވަރަށް ސާފުކޮށް ރައީސް ނަޝީދަށް ދެންނެވި ކަމަށް ވިދާޅުވެފައެވެ

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކައާއި، އެ ވިސްނުމަށް ޕާޓީތަކުން ތާއީދުކުރާ ކަމަށް ރައީސް ނަޝީދު މީގެކުރިން ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ ވެރިކަންކުރާ ކޯލިޝަންގައި ކަމަށާއި، ވެރިކަމުގެ ދައުރު ހަމަވަންދެން ރައީސް އިބްރާހިމް މުހަންމަދު ސާލިހްއަށް ތާއީދުކުރުންމަތީ ޖުމްހޫރީ ޕާޓީ ދެމިއޮންނާނެ ކަމަށެވެ.

އިންތިހާބުގެ ނަތީޖާއިން ވަކި ގޮތެއް ކަނޑައެޅުމުގައި އެންމެ ފަހުން ގޮތް ކިޔާ ޕާޓީއަކަށްވެފައި އޮންނަނީ ޖުމްހޫރީ ޕާޓީ އެވެ. މިހާތަނަށް ރާއްޖޭގެ ވެރިކަން ލިބިފައިވަނީ ރިޔާސީ އިންތިހާބަށް ގާސިމް އިބްރާހިމް ކޯލިޝަން ހައްދަވާ ޕާޓީއަކަށެވެ.