English Edition
Dhivehi Edition
ގދ.ތިނަދޫގައި އަޅާފައިވާ ފްލެޓްތައް

ގދ، ތިނަދޫ އިން ބޯހިޔާވަހިކަމަށް ދޫކުރުމަށް ނިންމި ‘ކޮންޑިޝަނަލް ގޯތި’ ލިބޭ މީހުންގެ ވަގުތީ ލިސްޓް ތިނަދޫ ކައުންސިލުން އާންމުކޮށްފިއެވެ.

ތިނަދޫ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ކޮންޑިޝަނަލް ގޯތި ބިމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނަން ނެތިގެން ނުވަތަ އެނޫންވެސް ޝަކުވާއެއް އޮތްނަމަ އެކަން ހުށަހެޅުމަށް އެދިފައެވެ. މި ގޮތުން މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 14 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުށަހެޅުމަށް އެދިފައެވެ. ތިނަދޫ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓާ، 2000 އަކަފޫޓާ ދެމެދުގެ ގޯއްޗެވެ.

ތިނަދޫއިން ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް ކޮންޑިޝަނަލް ގޯތި ދޫކުރުމަށް އިއުލާންކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ރާއްޖޭގައި މުޅިން އަލަށް ދޫކުރަން ފަށާ ކޮންޑިޝަނަލް ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ތިނަދޫ އިން 150 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތިނަދޫއިން ދޫކުރާ ކޮންޑިޝަނަލް ގޯތި ދޫކުރުމަށް 3 ކެޓެގަރީއަށް ހަމަޖެހިފައިވާއިރު އެ ކެޓެގަރީތަކަކީ

  • ތިނަދޫ ރައްޔިތުންނަށް، ތިނަދޫ ދަފްތަރު ހިމެނޭހެން (70 ގޯތި)
  • ރަށުން ބޭރު ފަރާތްތަކަށް (66 ގޯތި)
  • އެކަނިވެރި މައިންނާއި ބަފައިންނަށް، ތިނަދޫގައި ވިޔަފާރިކުރަމުންދާ ރަށުން ބޭރު ފަރާތްތަކަށް އަދި ޕްރޮފެޝަނަލް ދާއިރާއިން ހިދުމަތްދޭ ފަރާތްތަކަށް.

ކޮންޑިޝަނަލް ގޯތި ދޫކުރުމަށް ކައުންސިލާ އަދި ގޯތި ލިބޭ ފަރާތާއި ދެމެދު އެއްބަސްވުމެއް ހަދަންޖެހޭއިރު މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރާ ތާރީހުން ފެށިގެން 5 އަހަރުގެ ތެރޭގައި ގޯތީގައި އިމާރާތުގެ މަސައްކަތް ކުރަންޖެހެއެވެ. މި ގޮތުން މި މުއްދަތުގެ ތެރޭގައި މަދުވެގެން ކޮޓަރިއަކާއި ފާހާނާ، ބަދިގެ ރާނައި ހިޔާކުރުމުގެ އިތުރުން މަގުގެ އިންފާރު ރާނައި މަގާވީ ފަޅިން ސިމެންތިޖަހާ ކުލަލައި ގޭގެ ނަންބޯޑު ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ. މި އުސޫލުގައިވާ ގޮތުން މިމުއްދަތުގެ ތެރޭގައި ދިރިއުޅެވޭ ފެންވަރަށް ތަރައްގީކުރެވިފައި ނުވާނަަމަ، އެވަގުތަށް ކޮށްފައިވާ އިންވެސްޓްމަންޓާއެކު ބަދަލު ދިނުމަކާ ނުލައި ބިން ވަކިކުރެވޭނެއެވެ.