English Edition
Dhivehi Edition

މާލެއިން ފުރައިގެން އިންޑިއާއަށް ދަތުރު ކުރި އިންޑިގޯ އެއާލައިންސްގެ ފްލައިޓެއްގައި ދެ އަންހެން ކެބިން ކްރޫއަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ދިޔަ ހުކުރު ދުވަހު 3:45 އިން ހަވީރު 6:00 އާ ދެމެދު މާލެއިން ބެންގަލޫރަށް ދަތުރުކުރި އިންޑިގޯ ފްލައިޓް 6 އީ 1128 ގައި ހިނގި މި ހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އަކްރަމް އަހްމަދު ނަމަކަށް ކިޔާ 51 އަހަރުގެ ފިރިހެނެކެވެ. މި މީހާ ހައްޔަރު ކޮށްފައި ވަނީ ބެންގަލޫރު އެއާޕޯޓުންނެވެ.

“އިންޑިއަން އެކްސްޕްރެސް” ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ،އެ ފްލައިޓް ފުރުމާ އެކު 38ޑީ ސީޓްގައި އިން އަކްރަމް ވަނީ އުމުރުން 20 އަހަރުގެ ފްލައިޓް އެޓެންޑެންޓަކު އޭނާ ގާތަށް ގެންގޮސް ބިޔަރާއި ނަޓްސް އަށް އެދިފައެވެ. މީގެ އިތުރުން އެ އަންހެންކުއްޖާއަށް ފުރައްސާރަކުރުމުގެ ގޮތުން އަކްރަމް ވަނީ އެ ފަދަ އަންހެންކުއްޖެއްގެ އިންތިޒާރުގައި ހުންނަތާ 51 އަހަރުވެފައިވާކަމަށް ބުނެފައެވެ. އަދި 10 ޑޮލަރުގެ ބިޔަރަކަށް އަންހެން ކުއްޖާއަށް 100 ޑޮލަރު ދީ، ބެލެންސް ބޭއްވުމަށް އެދުނުކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ. މިކަމަށް އަންހެން ކުއްޖާ ދެކޮޅު ހެދުމުން ވެސް އަކްރަމް އެ އަންހެން ކުއްޖާއަށް އިތުރު އުދަގޫތަކެއް ކޮށްފައިވާކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ނޫހުގައި އިތުރަށް ބުނެފައިވަނީ އަކްރަމް އަނެއްކާވެސް ކެބިން ކްރޫއަކަށް ގޮވާލުމުން އެ ކެބިން ކްރޫގެ ބަދަލުގައި ދިޔައީ އުމުރުން 21 އަހަރުގެ އެހެން ފްލައިޓް އެޓެންޑެންޓެއްކަމަށެވެ. އޭނާއަށް ވެސް އަކްރަމް އުނދަގޫ ކޮށްފައި ވާ ކަމަށް ޝަކުވާ ކޮށްފައިވާއިރު ފްލައިޓުގައި އޭނާ ތިން ފަހަރު ގޮނޑިން ތެދުވެ، ކޮންމެ ފަހަރަކު ވެސް ކެބިން ކްރޫއިންނަަށް ގޮވާފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ފްލައިޓް ޖެއްސުމުގެ ކުރިން ކެބިން ކްރޫންގެ ފަރާތުން ވަނީ އެކަން ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ފްލައިޓް ޖެއްސުމާއެކު އިންޑިއާ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ޓެގު