English Edition
Dhivehi Edition
މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެެރެއިން -- އެމްއެމްސީ

“ދެންމެ” ނޫސް ހިންގާ ފަރާތާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ހިއްސާ ކުރުމަށް އެކައުންސިލުން އެދިއްޖެއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ “ދެންމެ” ނޫހުގައި އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް ގިނަ އަދަދެއްގެ ލިޔުންތައް ޝާއިޢު ކުރަމުންދާ މައްސަލަ އެ ކައުންސިލްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ ނޫހުގައި ލިޔެފައިވާ ހެޑްލައިންތަކުގެ މައްސަލަ އާންމު ފަރާތްތަކުން އެ ކައުންސިލްގެ ސަމާލު ކަމަށް ގެނައިކަން ފާހަގަ ކުރަމުން އެ ބަޔާނުގައި ބުނީ، ކައުންސިލުން އިސްނަގައިގެން މައްސަލަ ބެލުމަށް ނިންމައި ޝަކުވާ ބަލާ ކޮމިޓީން އެ މައްސަލަ ބަލައި ދިރާސާ ކުރަމުންދާ ކަމަށެވެ.

“އެހެންނަމަވެސް “ދެންމެ” ނޫހަކީ މިނިސްޓްރ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރ ކޮށްފައިވާ ނޫހަކަށް ނުވާތީ އެ ނޫސް ހިންގާ ފަރާތެއް އަދި މަސްއޫލުވެރި ފަރާތެއް ދެނެގަތުމުގައި ޢާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވާގޮތުން އެ މައްސަލަ ކަމާއިބެހޭ އިދާރާތްތަކަށް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީޑިއާ ކައުންސިލުން ވަނީ ‘ދެންމެ” ނޫހުގައި ޝާއިޢު ކުރަމުން އަންނަ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ކޮންޓެންޓާއި ހެޑްލައިންތައް މީސްމީޑިއާގެ މަންސަތަކުގައި ޝެއަރކޮށް ރިއެކްޓް ނުކުރުމަށް އެދިފައެވެ.