English Edition
Dhivehi Edition
ރައްޔިތުންގެ މަްޖލިސް ގެ ޖަލްސާއެއް ކުރިއަށް ދަނީ. ފޮޓޯ މަޖްލިސް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށިތާ މާގިނަ އިރެއް ނުވަނީސް މެންބަރުންގެ މެދުގައި ޚިޔާލު ތަފާތު ވެގެން ހުއްޓާލަން ޖެހިއްޖެއެވެ.

ދެ މަސްދުވަހުގެ ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފެށުމާ އެކު، ކޮމިޓީތައް އެކުލަވާނުލެވި ލަސްވަމުންދާ މައްސަލައިގައި އެމްޑީޕީގެ މެންބަރުން އަޑުގަދަކުރަމުން ދަނިކޮށް، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ތިން މެންބަރެއްގެ ނަން އިއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދި، ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި މެމްބަރުން، މަޖިލީހުގައި އެޕާޓީ ތަމްސީލުކުރައްވާ ގޮތަށް އިދާރީ ކަންކަން ހަމަ ޖެހެންދެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުން ލަސްކުރެއްވިކަން އެންގެވުމާއެކު މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެގެންދިޔައެވެ.

ނަޝީދު އިއުލާނު ކުރެއްވި ގޮތުގައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ކަމުގެ ސިޓީ ފޮނުއްވީ އެންމެ ތިން މެމްބަރުންނެވެ. އެއާ އެކު އެ މަނިކުފާނު ވިދާޅުވީ ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އެޕާޓީއަށް ސޮއިކުރެއްވި އެހެން މެމްބަރުންގެ ސިޓީވެސް ލިބުމުން ކަމަށެވެ.

މަޖިލީހުގެ އެމްޑީޕީ މެމްބަރުން އެކަމާ ދެކޮޅަށް އަޑު އުފުއްލަވަން ފެށްޓެވުމުން ނަޝީދު ވަނީ ތިން މެމްބަރެއްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގަންނަވަން އަންގަވައިފަ އެވެ. އެހެން ނަމަވެސް ޖަލްސާ މެދުކަނޑާލަން ޖެހުނީ އެ ތިން މެމްބަރުންގެ ނަން އިއްވުމުންވެސް ތަޅުމުގައި މަޑުކުރެއްވުމާ ގުޅިގެންނެވެ.

ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަންނަވަން ނަޝީދު އެންގެވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އަށާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށެވެ.

އެ މެމްބަރުން ނުކުމެވަޑައިނުގެންނެވުމުން މެމްބަރުން ނެރެން މަޖިލީހުގެ ސެކިއުރިޓީ އޮފިޝަލުންނަށް ވެސް ނަޝީދު އެންގެވި އެވެ.

ތަޅުން ދޫކުރައްވައި ވަޑައިނުގެންނެވި މެމްބަރުންނާ މުޚާތަބު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ރައީސްގެ އެންގުން ތަކަށް ޖަދަލު ނުކުރެއްވޭނެ ކަމަށެވެ.

“މި މަޖިލިސް ހިނގާނީ މި މަޖިލީހުގެ ގަވައިދާ އެއްގޮތަށް. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ މި މަޖިލީހުގެ ރައީސް. އެކަން މި މަޖިލީހުގެ ރައީސް، ގާނޫނުގައިވާ ގޮތުގެ މަތިން އަބަދުވެސް ކުރަމުން ގެންދާނެ،” ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އާ ގުޅުނު މެމްބަރުން އެކަން މަޖިލީހަށް އަންގަވަންދެން ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވި އިރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ވެސް ހަމަ އެކަނި އެ މައްސަލަ އެވެ.