English Edition
Dhivehi Edition

މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2023 ގެ ބާރަ އަހަރުން ދަށުގެ މުބާރާތް ނިންމާލައިފިއެވެ.

މިއަދު ހަވީރު ހެންވޭރު ބޯޅަދަނޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2023 ގެ ތިންވަނަ ހޮވި މެޗާއި ފައިނަލް މެޗުގެ ކުޅުން ވެސް ބައްލަވާލައްވާފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި 22 ޓީމަކުން ވާދަކޮށްފައިވާއިރު މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ މާޒިޔާ އެކަޑަމީއާއި، އަލިކާ ސްޕޯޓްސް އެކަޑަމީ އިންނެވެ. އަދި 1-0 ން މެޗު ކާމިޔާބުކޮށްފައި ވަނީ މާޒިޔާ އެކަޑަމީގެ ޓީމުންނެވެ. މި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވިފައިވަނީ އެމް.އެސް. މޭޓްސް ގެ ޓީމެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން މިފަދަ ފުޓުބޯޅަ މުބާރާތެއް ކުރިޔަށް ގެންދިޔުމަކީ ފާހަގަކޮށްލަންޖެހޭ ކަމެއްކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ކުޅިވަރު ކުރިއެރުވުމަށްޓަކައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި މެދުކެނޑުމެއްނެތި މިފަދަ މުބާރާތެއް 10 ވަރަކަށް އަހަރު ރަނގަޅަށް ކުރިޔަށް ގެންދެވިއްޖެނަމަ އޭގެ ސަބަބުން ރަނގަޅު ކުޅުންތެރިންތަކެއް ރާއްޖޭގައި އުފެދިގެންދާނެއެވެ. އަދި، ކުޅިވަރަކީ އޭގެ ތެރެއިން ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްވެގެންދާނެ ކަމަކަށްވުމުން އޭގެ ބޭނުން އެންމެ އެކަށޭނަގޮތުގައި ހިފުމުގެ މުހިންމުކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2023 ގެ ޗެމްޕިއަންކަން ހޯދި ޓީމަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވާފައެވެ.