މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަ ނުކުރެއްވިދާނެ ހާލަތެއްގައި އެ ޕާޓީން އިންތިހާބުގައި ވާދަކުރައްވަން ބޭނުންވިކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވަހީދު ވިދާޅުވީ ޕީޕިއެމުން ވަކިވީ އެ ޕާޓީން ކެންޑިޑޭޓަކު ނުނެރުމުން ކަމަށެވެ. އަދި ގާސިމަށް ތާއީދު ކުރަން ނިންމީ މިހާރު ވާދަ ކޮށްގެން ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ޗޮއިސްއަކީ ގާސިމަށް ވީތީ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް ރާވާލާފައިވާކަން ހާމަކުރައްވަމުން ވަހީދު ވިދާޅުވީ ޕީޕީއެމްގައި އޮތީ ތިން އޮޕްޝަނެއް ކަނޑައަޅާފައި ކަމަށެވެ. އެއީ، ޔާމީން ވާދަ ކުރެއްވުމާއި އަދި އެ މަނިކުފާނަށް ވާދަ ނުކުރެއްވިއްޖެ ހާލަތެއްގައި ޕީޕީއެމުން އެހެން ބޭފުޅަކު ވާދަކުރެއްވުން ކަމަށެވެ. އަދި އެންމެ ފަހުގެ ހާލަތެއްގެ ގޮތުގައި އޮތީ ޕީއެންސީގެ ކެންޑިޑޭޓަކު އިންތިހާބަށް ނެރުން ކަމަށް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވަހީދު ވިދާޅުވީ ޕީޕީއެމްގައި 10 އަހަރު ވަންދެން މަސައްކަތްކުރުމުންވެސް އެ މަނިކުފާނަށް އެއްވެސް އިހްތިރާމެއް އަދި އެއްވެސް ބަލާލުމެއް ނެތި ކަންކަން ކުރުމުން އެ ޕާޓީގައި ހުންނަން ޖެހޭކަމަށް ގަބޫލުނުކުރައްވާކަމަށެވެ،