English Edition
Dhivehi Edition

ދިވެހިރާއްޖޭގައިހުރި ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ކުރާ މަސައްކަތުގެ ދަށުން މީދޫ ކޯގަންނު ގަބުރުސްތާނުގެ މިސްކިތްތަކާއި ފެންފުށީ ހުކުރު މިސްކިތުގެ ޚާއްސާ ދިރާސާއެއް ކޮށްފިއެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ނޮވެމްބަރު 2 އިން 26 އަށެވެ. އެ މަސައްކަތްކުރީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުންނެވެ. އެކަން ކުރުމަށް އެތަނުންވަނީ ޕާކިސްތާނުގެ “އާގާ ޙާން ޔުނިވަރުސިޓީ” ގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ސްޓެފާން ޕްރަޑީންސްގެ އެހީތެރިކަން ހޯދައިފައެވެ.

ހެރިޓޭޖު ޑިޕާޓްމެންޓުން ވިދާޅުވެފައިވަނީ ސ. މީދޫ ކޯގަންނު ގަބުރުސްތާނަކީ ރާއްޖެއިން މިހާރު ފެންނަންއޮތް އެންމެ ދުވަސްވީ ގަބުރުސްތާނު ކަމަށެވެ. އެ ގަބުރުސްތާނުގައި 4 މިސްކިތް އެބަހުއްޓެވެ. އަދި މެދުޒިޔާރަތުގެ ނަމުން ނަންދީފައިވާ ޒިޔާރަތެއްވެސް އެބަހުއްޓެވެ.

ކޯގަންނު ފަނޑިޔާރު މިސްކިތަކީ ދިވެހިރާއްޖޭގައިހުރި މިސްކިތްތަކުގެ ތެރެއިން ހިރިގަލުން ހަދައިފައިވާ އެންމެ ދުވަސްވީ މިސްކިތެވެ.

ފެންފުށީ ހުކުރު މިސްކިތަކީ ހިރިގަލުގެ ކުރެހުމާއެކު ހިރިގަލުން ހަދައިފައިވާ މިސްކިތެކެވެ. އެ ތަނުގެ ބެރިތަކާއި، ތަނބުތަކާއި، އަރިމަތީފިލާވަނީ ލާ ފެންކޮށްފައެވެ.

މިސްކިތްތަކާ ބެހޭ ގޮތުންކުރި ދިރާސާގައި އެއްކޮށްފައިވާ މައުލޫމާތު ވަރަށް އަވަހަށް އާންމުކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

މިހާރުވެސް ރާއްޖޭގެ 6 މިސްކިތެއްވަނީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައެވެ. އެ މިސްކިތްތަކަކީ، މާލޭ ހުކުރު މިސްކިތް، މާލޭ އީދު މިސްކިތް، ލ. އިސްދޫ ބާމިސްކިތް، އދ. ފެންފުށީ ހުކުރު މިސްކިތް، ހއ. އިހަވަންދޫ ހުކުރު މިސްކިތް، ރ. މީދޫ ހުކުރު މިސްކިތެވެ. އެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުވުމަށް ޑިޕާޓުމެންޓް އޮފް ހެރިޓޭޖުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.