ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ، ޑޮކްޓަރުންނެވެ.
ޑރ މުފްލިޙާ ގަބޫލުކުރައްވަވާ ގޮތުގައި ބަލި މީހާ އަށް ތަފްސީލްކޮށް އޭނާ އަށް ދިމާވެފައިވާ ހާލަތު ބަޔާންކޮށް ދިނުމަކީ ވަރަށް މުހިންމުކަމެވެ. އެގޮތުން ސިލްސިލާކޮށް ގެނެސްދޭ މި ސެގްމެންޓްގައި ގެނެސް ދޭނީ ދިވެހިރާއްޖެއިން އާންމުކޮށް ފެންނަ ބައެއް ބަލިތަކުގެ މައްޗަށެވެ.
1- ފެޓީލިވަރ އަކީ ކޮބާ؟
އެއީ ޗިސްމޭގައި ސަރުބީ ޖެހުމެވެ. ފެޓީލިވަރ ދެވައްތަރަކަށް ބާހާލެވެއެވެ. “އަލްކަހޯލިކް” (ބަނގުރާ ބުއިމާ ގުޅިގެން އަންނަ) އަދި “ނޮން-އަލްކަހޯލިކް” (ބަނގުރާބުއިމާ ގުޅިފައި ނުވާ)
ނޮން- އަލްކަހޯލިކް ފެޓީލިވަރ ދިމާވަނީ ކީއްވެ؟
އެއީ ބީ.އެމް.އައި (އިސްކޮޅާ އަޅާ ކިޔާ ބަރުދަން ހުންނަން ވާ ވަރަށް ވުރެ) މަތިކޮށް ހުރުން.
ހަކުރުބަލި ތަހައްމަލު ކުރަމުން އަންނަ ފާރާތްތަކުގެ ތެރެއިން ހަކުރުބަލި ކޮންޓްރޯލްކުރެވިފައިނުވާ ފަރާތްތައް
ލޭގައި ގޯސްވައްތަރުގެ (އެލް.ޑީ.އެލް، ވީ.އެލް،ޑީ،އެލް) ކޮލަސްޓްރޯލް މަތި ފަރާތްތައް
ޗިސްމޭގައި ސަރުބީ ޖެހުމުން ދެންވާނީ ކިހިނެއް؟
ޗިސްމޭގައި ސަރުބީޖަހާ ފައި ހުންނަ މިންވަރާ ބަލާ 3 ސްޓޭޖަކަށް ބަހާލެވިފައިވެއެވެ. އެއީ ގްރޭޑް 1،2،3ކެވެ. ސްޓޭޖް ތިނަކާ ހިސާބުން ދެން ޗިސްމޭގެ މަސައްކަތަށް ބުރޫ އަރާ ޗިސްމޭ ފެއިލް ވުމުގެ އަލާމައްތައް ފެންނަން ފަށައެވެ. އަދި އެހެންމެ ކެންސަރަށް މަގުފަހިވެގެންދެއެވެ.
ޗިސްމޭގައި ސަރުބީ ޖެހުމުން އަދި ދުރުހެލިވުމަށް ކުރެވޭނެ ކަންކަމަކީކޮބާ؟
ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅަށް ބައްޓަން ކުރުމަކީ މިކަމުން އަދި އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކުން ދުރުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެވެ. މިންހެޔޮ ކެއުމެއް އިޚްތިޔާރުކުރުމަކީ މީގެ ތެރޭގައި ހިމެނޭ ބައެކެވެ. ކެއުމުގައި ތަރުކާރީ، ފަތްޕިލާވެލި އަދި މޭވާ ގިނަ ކުރުމާއި އެކުއެކީ އެކެއުމެއްގައި ތެލުލީ ބައި ގިނަ ކާނާ މަދުކުރުން ހިމެނެއެވެ. ގިނަ ގިނައިން ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމަށް އަހައްމިއްޔަތުކަން ދޭންވާނެއެވެ. ހަފްތާއަކު މަދުވެގެން މަދުވެގެން 5 ދުވަހު 30 މިނެޓް ވަންދެން ކަސްރަތުކުރުމަށް އާދަކުރަންވާނެއެވެ.