މާލެ ދޫކޮށް އެހެން ރަށަކަށް ހިޖުރަ ކުރާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއެކު އެލަވަންސެއް ދިނުމަށް ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ހިފަނައިފިއެވެ.
ރޭ ޑިމޮކްރެޓުންގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ މެނިފެސްޓޯ ވަނީ ލޯންޗުކޮށްފައެވެ. މި ގޮތުން “ފަރުދީ ތަނަވަސްކަން، އަބުރުވެރި ހަޔާތެއް” ނަމުގައި ލޯންޗުކުރި މި މެނިފެސްޓޯ ވަނީ މައިގަނޑު ފަސް ބަޔަކަށް ބަހާލާފައެވެ.
މި މެނިފެސްޓޯގައި ހިމެނޭ ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ސިޔާސަތުގެ ބައިގެ ތަފްސީލުގައި ވަނީ ގޭބިސީ އާމްދަނީގެ 33 ޕަސެންޓަށް ވުރެ ބޮޑު އަގެއް ބޯހިޔާވަހި ކަމަށް ހަރަދު ކުރާ ގޭބީސީތަކަށް ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ހައުސިން ސަބްސިޑީ ފޯރުކޮށްދިނުމަށް ހިމަނާފައިވާ ކަމަށެވެ.
މާލެއިން ބޭރަށް ހިޖުރަކުރަން ބާރުއެޅުމުގެ ގޮތުން އެހެން ސަރަހައްދުތަކަށް ހިޖުރަކުރާ ފަރާތްތަކަށް ސެޓެލްމަންޓް އެލަވަންސް އާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މެނިފެސްޓޯގައި ހިމަނާފައިވާއިރު ބޯހިޔާވަހި ކަމެއް އިމާރާތް ކުރުމަށް ނުވަތަ ގަތުމަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވަޒަންވެރިވެ ދިރިއުޅޭ ރަށެއްގެ ސަބަބުން އެއްވެސް ތަފާތު ކުރުމެއް ނެތި އެއްހަމައަކުން ލުއި ފަސޭހަކޮށް މޯގޭޖް ފައިނޭންސް ލިބޭނެ ސިސްޓަމެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި މެނިފެސްޓޯގައި ވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކިވަކި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ހުއްޓުވައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ކައުންސިލްތައް މެދުވެރިވެގެން ލާމަރުކަޒީ އުސޫލުން ހިންގޭ ޕްރޮޖެކްޓްތަކަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.