English Edition
Dhivehi Edition
ބިންވެރިޔާ ދެވަނަ ފިޔަވަހިން ބިން ދޫކުރުމަށް ހަމަޖެހިފައިވާ އުތުރު ތިލަފަޅު/ފޮޓޯ ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއުލާން ކުރެއްވި “ބިންވެރިޔާ” އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިކަން އިއުލާން ކުރެއްވީ، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނާއި ގުޅުން ފާހަގަކުރުމަށް ރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގެ ރައްޔިތުންނެކޭ އެއްގޮތަށް، މާލެއަށް ހިޖުރަކޮށް ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މާލެ ސަރަޙައްދުން ހިޔާވަހިކަން ލިބޭނެކަމަށެވެ. އެގޮތުން މި ސްކީމްގައި، ދަފްތަރުގައި ޖެހިފައިވާ މީހުންނާއި، އަދި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނަށްވެސް ތަފާތުކުރުމެއް ނެތި ބިން މިލްކުކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުން ގޯތި ދޫކުރަން ނިންމާ އެއް ތަނަކަށް ވާނީ އިންޑިޢާއަށް ދީފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ އުތުރު ތިލަފަޅުކަމަށެވެ.

“އުތުރު ތިލަފަޅަކީ ބޭރުމީހުން އުޅެން ހަދާ ތަނެއް ނޫން. އެތާންގައި އުޅޭނީ ދިވެހިން. މިހާރު ފަށާފައިވާ ބްރިޖް މަޝްރޫޢު މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި-ގިރާވަރުފަޅުން ގޮސް ނިމޭނީ އުތުރު ތިލަފަޅަށް.” ރައީސް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ މި ސްކީމްތަކުގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
.
މި ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ. އަދި ގޯތި ދޫކުރަން 5,525,000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެއެވެ. މި ފަހަރު ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަން ނުވަތަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000އަކަފޫޓެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި “ބިންވެރިޔާ” ސްކީމުން ނުވަތަ “ވެށިފަހި މާލެ ޕްރޮގްރާމް” ގެ ދަށުން ގޯއްޗެއް ލިބިފައިވާ މީހަކަށް ވެގެންނުވާނެއެވެ.

އެހެން ޝަރުތުތަކުގެ ތެރޭގައި

– މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވުން، ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން

– މާލޭ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ނެތުން، ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން

– މާލެ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާނަމަ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، އެފަދައިން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވުން.

– ސަރުކާރުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އެއްވެސް ރަށެއްގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް އެފަދަ ތަނެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނަމަ، އެފަދަ ތަނެއް ދޫކޮށްލަން އެއްބަސްވުން.

– ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތް ބަންޑާރަ ގޯއްޗެއްގައިވާ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނޫފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ބަހައިގެން ލިބެން އޮންނަ ބައި، ދޫކޮށްލުމަށް އެއްބަސްވުން.

– ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތުގެ ފުލެޓެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން އެހެން ފަރާތަކަށް ދީ، ނުވަތަ ދޫކޮށްލައިފައިވާތާ ނުވަތަ ވިއްކައިލައިފައިވާތާ 5 އަހަރުދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.

ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފުލެޓް ދޫކުރުމަށްވެސް ހަމަޖެހިފައިވަނީ މާލެ ސަރަޙައްދުންނެވެ. ފުލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި މާލޭގެ ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.

އެހެން ޝަރުތުތަކުގެ ތެރޭގައި

– މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް) ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް)

– އެޕްލިކަންޓާއި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން.

– އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ މާލެ ސިޓީން (ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން) 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް/ބިމެއް ގަނެފައިވާ، ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ކޯ އެޕްލިކަންޓް).

– މި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، މާލެ ސިޓީގައި ދިރިއުޅުމަށް ހޯދައިފައިވާ 600 އަކަފޫޓުގެ ތަނެއް ނުވަތަ އެއަށްވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ކޯ އެޕްލިކަންޓް).

– މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ -/60,000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން. (މައި އެޕްލިކަންޓާއި، ކޯ އެޕްލިކަންޓް ވަކިން(

ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން “ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި، ސެޕްޓެންބަރު 24 ވާ އާދީއްތަ ދުވަހުން ފެށިގެން އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުށަހެޅޭނެކަމަށް މިކަމާއި ގުޅޭ އިއުލާންގައިވެއެވެ. ދެ ސްކީމަށް ޝަރުޠު ހަމަވި ނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ މީހަކު ޚިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށެވެ