English Edition
Dhivehi Edition

މާލެއިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު މިއަދު އާންމުކުރާނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

މިދިޔަ ޖުލައި މަހު މަލެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފައިވާއިރު، އެ ލިސްޓާ ގުޅިގެން ލިބުނު ޝަކުވާތަކަށް ބެލުމަށް ފަހު ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް މިހާރު ވަނީ އެކުލަވާލާފައެވެ. މިއަދުގެ ވަގުތެއްގައި ލިސްޓް އާންމުކުރުމަށް މަސައްކަތްކުރަމުން އަންނައިރު ޕްލޭނިން މިނިސްޓްރީން ބުނީ ގޯތި ލިބޭ ތަން ކަނޑައެޅުމަށް ކުރިއަށްގެންދާ ގުރުއަތު ނެގުމުގެ މަސައްކަތް އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ

މަލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް މިދިޔަ އަހަރުގެ ޖޫންމަހު ތެރޭގައި 15164 ފޯމު ހުށަހަޅާފައިވާއިރ އޭގެތެރެއިން 12،794 މީހުން ޝަރުތު ހަމަވާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޝަކުވާ ހުށައެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ފަރާތްތަކަށްވެސް ވަނީ އިތުރު ފުރުސަތެއް ދީފައެވެ.

މި ޕްރޮގްރާމުގެ ދަށުން ތިން ސައިޒެއްގެ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯއްޗެވެ.