މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި ގޮތުން ނ. ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އޮގަސްޓް 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ކޯޓުއަމެރެއްގެ ދަށުން އެރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ޅ. ހިންނަވަރުގައި ހިންގި އޮޕަރޭޝަނަކީ، މާލެއިން ހިންނަވަރަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި މަހުގެ 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، 18 އަހަރުގެ އަންހެނަކާއި 31 އަހަރުގެ އަންހެނަކާއި 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. އަދި އެ އޮޕަރޭޝަނުގައި، އެ ލޯންޗުން ގެނައި ކޮތަޅެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ،
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 18 އަހަރުގެ މީހާއާއި 31 އަހަރުގެ މީހާއަށް ހަތްދުވަހުގެ މުއްދަތުދީފައިވާ ކަމަށާ އަދި 32 އަހަރުގެ މީހާއަށް 11 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.
މީގެ އިތުރުން ހިންނަވަރުގައި އޮގަސްޓް 9 ވަނަ ދުވަހުވެސް ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މާލެއިން ހިންނަވަރަށް ދަތުރުކުރާ ލޯންޗަކުން ބަނގުރާ އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ލޯންޗުގައި ހުރި ފޮއްޓެއް ބަލައިފާސްކުރިއިރު ފަސްފުޅި ބަނގުރާ ފެނިފައިވެއެވެ. މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ތިން މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.