English Edition
Dhivehi Edition

ކައިވެނީގެ ވިސްނުން އެންމެ ފުރަތަމަ އަންނަ ހިސާބުންވެސް ވިސްނަން ޖެހޭ އެންމެ މުހިންމު ކަމަކީ ތެދުވެރި، ތަޤުވާވެރި، އީމާންތެރި ދީންވެރި ބައިވެރިޔަކު އިޚްތިޔާރުކުރުމެވެ. މިއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާވެސް ގޮތެވެ.

ބައިވެރިޔަކު ލިިބިދާނެއެވެ. ކައިވެނިވެސް ކުރެވިދާނެއެވެ. ނަމަވެސް ދީންވެރި އީމާންތެރި އިޚްލާޞްތެރި ބައިވެރިއަކު ލިބުމަކީ އުނދަގޫކަމަށް ވެދާނެއެވެ. ނަމަވެސް އެއީ ނުވާނޭ ކަމެއްކަމަށް ވެސް ދެކިގެން ނުވާނެއެވެ.

ކައިވެނިކުރަން ބޭނުންވާ މީހާ އެންމެ ފުރަތަމަ މާތް ﷲގެ ކިބައިން ތިންކަމަށް އެދި ދުޢާ ދަންނަވަން ޖެހޭކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ

ގިނަގިނައިން ﷲގެ މަތިން ހަނދުމަކުރާ، އަދި ﷲ ގެ މަތިން ހަނދުމަ ކޮށްދޭ ބައިވެރިއަކުން ދެއްވުން އެދި ދުޢާކުރުން.

ޖަންނަތުގައި އެކުގައި ވާން އެދޭ އެކުގައި ޖަންނަތު ހޯދަން މަސައްކަތްކުރުމަށް ބާރުއަޅާ ބައިވެރިއަކު ލިބުމަށް އެދި ދުއާކުރުން.

އީމާންކަމާއި ތަޤުވާވެރިކަން އިތުރުކޮށްދީ ސީދާ މަގަށް ވާސިލް ކޮށްދޭނެ ބައިވެރިއަކު ލިބުމަށް އެދި ދުޢާކުރުން.

މިފަދައިން ދުޢާ ކުރުމަކީ މުހިންމު ކަމެކެވެ. އިޚްލާޞްތެރިކަމާއި އެކީ މިފަދައިން ދުޢާ ކުރާނަމަ އިންޝާ ﷲ، އެކަލާންގެ އަޅުގަނޑުމެންގެ ދުޢާ އިޖާބަކޮށްދެއްވާނެއެވެ.