English Edition
Dhivehi Edition

މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމަށް ސަރުކާރުން ހިންގާ, ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރުޓީއެލް)ގެ ޚިދުމަތް އައްޑޫސިޓީގައި ވެސް ފެށުމަށްޓަކައި އެ ސަރަޙައްދުގެ މުވައްސަސާތަކާއި ޢާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.

ޤައުމީ ފެރީ ނިޒާމުކަމަށްވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް އައްޑޫގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން އައްޑޫ ސިޓީގެ އެކި ރަށްތަކުގެ ކައުންސިލްތަކާއި، ސަރުކާރުގެ އެކި މުއައްސަސާތަކާއި ބައްދަލުކޮށް، ކިޔާލު ހޯދައި މަޝްވަރާކޮށް، އެޚިދުމަތް ވިހާވެސް އަވަހަށް ފެށުމަށް ތައްޔާރުކުރުވުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން އަންނަނީ ކުރަމުންނެވެ.

އެގޮތުން އައްޑޫ ސިޓީ ގަމާއި ހުޅުމީދޫ، ފޭދޫ އަދި ހިތަދޫގައި އާންމުން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ވަނީ ބާއްވާފައެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅާއި ގއ އަދި ގދ އަތޮޅުގައެވެ.

އަާރުޓީއެލްގެ ޚިދުމަތް ގިނަ ބަޔަކު ހޯދަމުން އަންނައިރު މިއީ އަތޮޅު ތެރޭގެ ރަށްރަށަށް ކުރި ދަތުރުތައް ކުޑަ އަގެއްގައި ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ކުރެވޭނެ މަގު ތަނަވަސްވެގެން ދިޔަ ފައިދާ ހުރި ޚިދުމަތެކެވެ.