އިންތިހާބާ ގުޅުވާ މީހުން ހައްޔަރުކޮށް އަދި ތަންތަން ރޯކޮށް މުދަލަށް ގެއްލުންދީ ހަދައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ދ. ކުޑަހުވަދޫއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކުރެއްވި ދަތުރުފުޅާ ދިމާކޮށް ޝުއޫރުފާޅު ކުރަމުން ދަނިކޮށް ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަހުމަދު މައުރޫފް ހައްޔަރު ކޮށްފައި ވަނިކޮށެވެ. އަދި ރައީސް ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ރޯކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.
މި ގޮތުން ނަޝީދު ވަނީ ފުލުހުން މިހާރު އަމަލުކުރައްވަނީ ގާނޫނުގެ އިމުން ބޭރުންކަން ފާހަގަކުރައްވާ ޑިމޮކްރެޓްސްގެ އެކްޓިވިސްޓް މައުރޫފް ދޫކޮށްލަން ގޮވާލައްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ އިންތިހާބާ ގުޅުވާ މީހުން ހައްޔަރުކޮށް، ތަންތަނުގައި ހުޅުޖެހުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަޑައިގަންނަވާ ބައެއް ރަށްރަށުން އަންނަނީ އެ މަނިކުފާނަށް ހުރަސްއަޅާ މުޒާހަރާކުރަމުންނެވެ.