ކުނީގެ މައްސަލައަކީ އެންމެ ކުރިންސުރެވެސް އައްޑޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަކަމަށާއި އެކަން މިއަންނަ އަހަރު ހައްލު ވެގެންދާނެކަމަށް އައްޑޫ ސީޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި ކުނިން ކަރަންޓް އުފައްދާއި ނިޒާމް ޤާއިމްކޮށް މިފެށޭ މަހު އޮޕަރޭޝަނަށް ގެންނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
” ކުނީގެ މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން މަސައްކަތްތަކެއް ކުރިނަމަވެސް އެކަން ދެމެހެއްޓެނިވި ގޮތެއްގައި ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިނުވޭ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކައުންސިލާއި ސަރުކާރާއި ގުޅިގެން ކުރަމުންގެންދާ މި މަސައްކަތުން އައްޑޫ ސިޓީއަށް ކުރިމަތިވެފަައި އޮތް ކުނީގެ ޒަމާންވީ މައްސަަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ” މޭޔަރު ވިދާާޅުވިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ ”އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް’ ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ވަނީ ނުރައްކާތެރި ކުނި ނައްތާލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެކުރިން، އެ ތަކެތި ރައްކާތެރިކަމާއެކު ބަހައްޓާ، ބެލެހެއްޓުމަށް ހާއްސަ ފެކްޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.
މީގެ އިތުރުން ކުނިން ހަކަތަ އުފައްދާ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ “ވޭސްޓް ޓު އެނަރޖީ” ނިޒާމު ޤާއިމުކުރަނީވެސް އައްޑޫ ސިޓީގައެވެ. މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ޕްލާންޓެކެވެ.
އައްޑޫސިޓީގެ ކުނީގެ މައްސަލައަކީ އަބަދުވެސް ގިނަ ބަަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެކެވެ. ވަކިން ޚާއްޞަކޮށް ގުޅިފައިވާ ރަށްތަކުން އުކާލެވޭ ކުނި ކޮށީގައި ކުނިތައް ގިނަވެގެންގޮސް ކުނީގެ ބޮޑެތި ފަރުބަދަތައް ހެދި އެތަނުގައި އަލިފާން ރޯވުން ވަނީ އާންމުކަމަކަށް ވެފައެވެ. އަދި މިގޮތަށް ރޯވާ އަލިފާން ގަނޑު ނިންވާލުމުގައި ދަތިތައް ކުރިމަތިވެ އެސަރަހައްދުން ދަތުރުކުރުމަށް ވެސް ގިނަ ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.