ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނީ އެމްޑީޕީ އާއި އިދިކޮޅުގައި އޮތް ޕީޕީއެމްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެެވެ.
ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު ފުނަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ މި އިންތިހާބުގައި އިތުރު ކެންޑިޑޭޓުން ވާދަކުރި ނަމަވެސް ތާއިދު އޮތީ އެމްޑީޕީ އާއި ޕީޕީއެމް އަށް ކަމަށެވެ. އަދި އެ ނޫން ބަޔަކަށް އެހާ ބޮޑު ތާއީދެއް އޮތް ތަން ނުފެންނަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
“އެެހެންވީމާ ތިޔަ ބޭފުޅުން ނިންމަވަންވީ 2018ގެ ކުރީގައި އެ އޮތް ހާލަތަށް އަޅުގަނޑުމެން އެނބުރި ދާނީތޯ،” ރައީސް ސޯލިހް ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫތަކަށް މީގެ ކުރީގެ ސަރުކާރުތަކުން ކުރި ހޭދައަށްވުރެ ބޮޑު ހޭދައެއް މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާން އަންނައިރު ކުރެވިފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ހެއްދެވީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ތަރައްގީ ފޯރުކޮށްދިނުން ކަމަށެވެ.
އެ މަންޒަރު މިހާރު ފުނަދޫއިންވެސް ފެންނަމުންދާ ކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެ ރަށަށް މި ސަރުކާރުން ވީ ވައުދުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ނިމި ބައެއް މަސައްކަތްތައް މިހާރު ވެސް ހިނގަމުން އަންނަކަަމަށެވެ.
ރައީސް ސޯލިހްގެ ދެވަނަ ދައުރެއްގައި ފުނަދޫއަށް ކޮށްދެއްވާނެ ކަންތައްތައް ހާމަކުރައްވަމުން ވިދާޅުވީ ރަށުގެ ބާކީ މަގުތަކުގައި ތާރު އަޅުމާ، ރަށުގައި ރޯ ހައުސް ނުވަތަ ފްލެޓު އެޅުން ކުރިއަށް ގެންދާނެކަމަށެވެ. މީގެ އިތުރުން ރަށުގެ ފަޅުގައި އޮތް ފަރުކޮޅުގައި ތަރައްގީގެ މަޝްރޫއު ހިންގުމާ، ސްކޫލު އިމާރާތަށް ކްލާސްރޫމު އިތުރުކުރުމާ އަދި އެ ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރައްވާނެކަމުގެ ވައުދުވަނީ ވެފައެވެ. އަދި ރަށުގެ ބިން ހިއްކުން މި އަހަރު ނިމުމުގެ ކުރިން ކޮންޓްރެކްޓުކުރާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.