English Edition
Dhivehi Edition

ހަމަ ތިބޭފުޅާއެކޭ އެއްގޮތަށް އަޅުގަނޑުގެވެސް ސިކުނޑި ހިރުވައިގަތީ ފުވައްމުލައް ސިޓީ ފަދަ ބޮޑު ރަށެއްގެ ވަކި ރެސްޓޯރެންޓެއް ނަގައި އާންމުން މިއީ މިރަށުގެ “އެންމެ ހިތްގައިމު” ރެސްޓޯރެންޓޭ ބުނާ ސަބަބު އޮޅުންފިލުވާށެވެ. ސަބަބުތައް ވެސް ވަރަށް ގިނައެވެ. ފުވައްމުލަކަކީ ނިސްބަތުން ފެންވަރު ރަނގަޅު ރެސްޓޯރެންޓު ހުރި ތަނެކެވެ. އަދި ރެސްޓޯރެންޓުތަކުން ލިބެން ހުރި ‘ވެރައިޓީ’ތައް ވެސް މަދެކޭ ނުދެންނެވޭނެއެވެ. ގުދުރަތީ ރީތި ތަންތަނުގައި ރެސްޓޯރެންޓު ހުރި އިރު ކެފޭ އީޑެން ”އެންމެ ހިތްގައިމު”ވާންވީ ސަބަބެއްވެސް ވާނެތާއެވެ. ދުވަސްވަރަކީ ފުވައްމުލަކުގައި އަޅުގަނޑުވެސް ހުރި ދުވަސްވަރަކަށްވުމުން އަމިއްލަ އަށް މި ސަބަބު ހޯދުމަށް ‘މިޝަން އެންމެ ހިތްގައިމު’ގެ ނަމުގައި މިޝަންއެއް އަމިއްލައަށް ލޯންޗުކޮށް ފެއްޓީމެވެ.

މިޝަން އާއި އެކު ކުރިއަށްދިއުމަށް ބަލާލިއިރު އަދި މާބޮޑު ގޮންޖެހުމެއް އެބަ ކުރިމަތިވެއެވެ. އަޅުގަނޑަކީ މިހެން އަލަށް ހުޅުވާ ތަންތަނަށް ގޮސް އަޖުމަ ބަލަން ކޮންމެވެސް ވަރަކަށް ފަސްޖެހޭ މީހެކެވެ. އަދި ހާއްސަކޮށް ކެއުންބުއިމާއި ގުޅުން ހުރި ކަމެއް ނަމަ ފަސްޖެހޭލެއް ބޮޑެވެ. މިކަމާއި ގުޅޭ ގޮތުން ރައްޓެއްސަކާއި ކުޑަކޮށް މަޝްވަރާކޮށްލުމުން އޭނާ މާ މޮޅު ހިޔާލެއްދީފިއެވެ. އެތަނުގެ އަޖުމަ ބަލާލައި އެކަން ތަޖުރިބާކޮށްފައިތިބި ބައެއް މީހުންނާއި އިހަށް ވާހަކަ ދައްކާލުމުން ކޮންމެވެސް ވަރަކަށް އެތަނަށް ދިއުމަށް ހިތްވަރުލިބިދާނެކަމަށެވެ. އެހެން ކަމުން މަޑުމަޑުން އެތަނަށް ގޮސް އެތަނުގެ ހިތްގައިމުކަން ތަޖުރިބާކޮށްފައިތިބި މީހުންނާއި ވާހަކަ ދައްކާލީމެވެ.

“ކެފޭ އީޑެން ދޯ؟ އެއީ ހަމަ ހޯމް! ވަރަށް ހޯމްލީ ތަނެއް. އުނދޯލިގެއެއްވެސް ހުރޭ. މުވައްޒަފުން ވަރަށް ސަޅި އެތަނުގައި ކަސްޓަމަރުންނާއި މެދު ގެންގުޅޭ އެޕްރޯޗް. ހަމަ ހީވަނީ ގޭގައި އުޅެވޭހެން.” އެތަނުގެ ފޮޓޯތައް އާންމުކޮށް އިންސްޓަގްރާމް ސްޓޯރީއަށް ލަމުން އަންނަ އެކުވެރި ޒުލޭއާއި ސުވާލުކޮށްލުމުން ދިން ޖަވާބަކީ މިއީއެވެ. ޒުލޭ އެބުނެދިން ގޮތާއި ފޮޓޯ ތަކުން އެތަން ފެންނަ ގޮތާއި ވަރަށް އެއްގޮތެވެ. އުނދޯލިގެއެއްގެ އިތުރުން ގޯތި ތެރޭގައި ގަސްގަހާގެހި ހައްދާފައިވެއެވެ. މުވައްޒަފުންގެ އެކުވެރިކަމުގެ ވާހަކަ ޒުލޭ ތައުރީފުކޮށް ބުނާނީ ހަމަ ވަރަށް ފުރިހަމަވީމަ ކަމާއި މެދު އަޅުގަނޑު ޝައްކެތް ނުކުރަމެވެ.

“އަސްލު އެތަނުގައި އަޅުގަނޑަށް އެންމެ ހާއްސަވީ ހަމަ އެ ވައިބް އަދި އެމްބިއެންސް. އެއްގޮތަކަށްވެސް ހީނުވޭ މިހުރެވެނީ ރަށުގެ ތަނެއްގައޭ. މިހާތަނަށް ރަށުގައި ހުރި އެހެން ރެސްޓޯރެންޓްތަކާއި ވަރަށް ތަފާތު ވައިބެއް އިނދޭ. ހަމަ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަ.” ތަނާއި މެދު ތައުރީފުކުރި އެހެން ރައްޓެއްސެއް ކިޔައިދިނެވެ.

“އަހަރެން ދިޔައީ އެތަނަށް ކާން. އަހަރެން ވަރަށް ހިތްހަމަޖެހުނު ކެއުމާއި މެދު. ކީކޭ ބުނާނީ. އިނގޭ އަހަރެން އޯޑަރ ކުރި ޑިޝް ފުރިހަމަ ކުރުމަށް އަޅަންޖެހޭ ހުރިހާ އެއްޗެއް އަޅައިގެން ވަރަށް ގަޔާވެގެންކަން ޝެފް އެޑިޝް ފުރިހަމަކޮށްފައި އިނީ.” އެތަނަށް ދިޔަ އާއިލާ މީހަކާއި ސުވާލުކޮށްލުމުން އޭނާ ކިޔައިދިނެވެ.

މިހާ ހިސާބުން އަޅުގަނޑަށް ދެން އެތަނަށް ދާން މަޖުބޫރުވެއްޖެއެވެ. އާ ތަނެއް ކަމަކު އެ ބިރު ހިތުން ފިލައި ރައްޓެއްސަކަށް މެސެޖުކޮށްލައި ނަލަ ހެދިލައިގެން އޭނައާއި އެކު އެތަނަށް ރޭގަނޑުގެ ކެއުމަކަށް ދިޔައީމެވެ.

ވަރަށް ވެލްކަމިންގ، ހީވީ ހަމަ އަންނަންދެން އިންތިޒާރުގައި ތިބިހެން

މިއީ އަޅުގަނޑަށް ކެފޭ އީޑެން އަށް ދިޔުމުން ކުރެވުނު އެންމެ ފުރަތަމަ އިހުސާސެވެ. މަރުހަބާ ދެންނެވުމަށް ދޮރު ކައިރީގައި މުވައްޒަފެއް ހުއްޓިލައިގެން ހުރިއިރު، އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމާއި މަޑުމައިތިރިކަމެވެ. މަރުހަބާ ކިޔުމަށްފަހު، އިށީނުމަށް އޭސީ ކޮށްފައި އިން ސަރަހައްދު، ގާޑެން އޭރިއާ އަދި ހަޓުތޯ ކޮންތަނެއްތޯ އިހުތިޔާރުކުރަނީ ސުވާލުކުރިއެވެ. އަދި އޭސީ ކޮށްފައި އިން އިންޑޯ އޭރިއާ ކަމުގައި ބުނުމުން އެހިސާބުން އަޅުގަނޑުމެންނާއި އެކު މިސްރާބުޖެހީ އެދިމާލަށެވެ.

މުވައްޒަފުން ވަރަށް ފުރިހަމައަށް ކަސްޓަމަރ ސާރވިސް އަށް ޓްރެއިން ކުރެވިފައިވާކަން ފާހަގަކުރެވުނު

އަޅުގަނޑަކީވެސް ކަސްޓަމަރ ސާރވިސްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުމުން، އަދި އަޅުގަނޑާއި އެކު ދިޔަ ރަހުމަތްތެރިޔާއަކީވެސް އެދާއިރާގައި މަސައްކަތްކުރާ މީހަކަށްވުމުން މިއީ އަޅުގަނޑުމެންނަށް އެންމެ ހިތްގައިމު ކަމަކަށް އެތަނުން ފާހަގަކުރެވުނު އެއް ކަންތަކޭ ބުނުން ދޮގަކަށް ނުވާނެއެވެ. މުވައްޒަފުން ކަސްޓަމަރުންގެ އިޝާރާތަކަށް ބަލަބަލައި ތިބެއެވެ. ބުނަން ޖެހޭ އެއްޗެއް ވަރަށް ސާފުކޮށް ބުނެދެއެވެ. އިތުރު ބޭކާރު ވާހަކަ ދެއްކުންފަދަ ކަންތައް އެއްވެސް ވަރަކަށް އިހުސާސެއް ނުކުރެވެއެވެ. ކަސްޓަމަރުންގެ ހިދުމަތުގައި ވަރަށް ފުރިހަމަ ކަންމަތީ ސާބިތުވެތިބެއެވެ.

މެނޫ ލޮލަށް ބަލާލަން ފަސޭހަ، ޖީބަށް ވަރަށް ލުއި

މުޅި ތަނުގެ ޑިޒައިން އެކޭ އެއްގޮތަކަށް މެނޫވެސް ވަރަށް ލޮލަށް ބަލާލަން ފަސޭހައެވެ. މާ ބޭކާރު ޑިޒައިންތަކާއި ފޮޓޯތައް އޭގައި ނެތްއިރު ޖީބަށް ވަރަށް ލުޔެވެ. ފަހަރުގައި މިހާރު ފުވައްމުލަކުގައި ހުރި އެންމެ އަގުހެޔޮ ރެސްޓޯރެންޓޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. މުޅިން ފުވައްމުލަކަށް އަލަށް ތައާރަފުކުރެވޭ ބުއިންތަކަކާއި ކެއުންތައް މެނޫގައި ހުރި އިރު ދިވެހިން އަދި ބިދޭސީންނާއިވެސް ރަހުމަތްތެރި ގިނަ ‘ވެރައިޓީ’ ތަކެއްވެސް މެނޫގައި ހުއްޓެވެ. އަދި މެނޫ އާއި ބެހޭ ގޮތުން ސުވާލެއް ކޮށްލުމުން ވެއިޓަރުން ވަރަށް ފަސޭހަކަމާއި އެކު އެ ސުވާލަށް ޖަވާބު ދިންތަން އަޅުގަނޑަށް އެހެން މޭޒެއް ކައިރީގައި ހުރި ވެއިޓަރެއްގެ ކިބައިން ފާހަގަކުރެވުނެވެ.

ތަނުގެ މާހައުލު ބަލާލަން ފަސޭހަވެފައި، ތަރުތީބުކުރެވިފައިވަނީ ވަރަށް ފުރިހަމަކޮށް

ތަނެއް އަލަށް ހުޅުވާއިރު އެތަނެއްގައި ބޭނުންކޮށްފައިވާ ތަކެތީގެ ފެންވަރުން އެތަނެއްގެ ސާފުތާހިރުކަން ރަނގަޅު ކަމުގައި ދައްކާނެއެވެ. ހަމަ އެފަދައިން އެތަނެއްގެ ފުރިހަމަކަން ގެނެސްދެނީ އެތަނެއް ތަރުތީބު ކުރެވިފައިވާ ގޮތުންނެވެ. ކިތަންމެ އައު ތަކެތި ބޭނުންކޮށްފައިހުރި ނަމަވެސް އެތަނެއްގެ މާހައުލަކީ ހިތްގައިމު މާހައުލަކަށް ހަދައިދެނީވެސް ހަމަ މިދެންނެވި ތަރުތީބުކުރުން އެތަނެއްގައި ފުރިހަމަވެފައި ހުންނަ ނިސްބަތަކުންނެވެ. އަޅުގަނޑަކީވެސް ލައްކަ ގިނަ ރެސްޓޯރެންޓު ފެނިފައި ހުރި މީހަކީމެވެ. އެހެންނަމަވެސް މިއީ އެހުރިހާ ތަނަކުންވެސް މިސާލު ނަގަންޖެހޭ ތަނެކެވެ. ތަރުތީބުކުރުމަށް ބެލި ކަމުގައިވީ ނަމަވެސް، ސާފުތާހިރުކަމަށް ބެލި ކަމުގައިވީ ނަމަވެސް، ތަނުގެ ޑިޒައިން ކުރެވިފައިވާ ގޮތަށް ބެލިކަމުގައިވީ ނަމަވެސް މިއީ މިސާލެކެވެ.

ޗިކެން ޕިކާޓާ މިލަނީސް ވަރަށް މީރު

އަޅުގަނޑުމެންގެ ވެއިޓަރުގެ ލަފަޔާއެއްކޮށް އަޅުގަނޑު ނިންމީ ‘ޗިކެން ޕިކާޓާ މިލަނީސް’ ކިޔާ ޑިޝްއެއްގެ އަޖުމަބަލާލައިށެވެ. ރަހުމަތްތެރިޔާ އޯޑަރ ދިނީ ވައްތަރެއްގެ ޕާސްތާ އަކަށެވެ. އަޅުގަނޑުގެ ޑިޝްއަކީ ފިހުނު ކުކުޅާއި، ތަރުކާރީ އަދި މޭޝް ޕޮޓޭޓޯ އެކުލެވޭ ޑިޝްއެކެވެ. މޭޒުމަތީ ތަށި ބޭންދުމާއިއެކު އެއަށް ހިތް ދަމައިގަތެވެ. ބަލާލަން މިހާ ފުރިހަމަ ޑިޝްއެއްގެ ރަހަ އަދި ކިހާ ފުރިހަމަވާނޭބާއޭ ވަގުތުން ހިތަށްއެރިއެވެ. ހަގީގަތުގައި ރަހަ އަދި މާ ފުރިހަމައެވެ. ރަހުމަތްތެރިޔާވެސް ކަމުން ދިޔައިރު ދެއްކީ އޭނާގެ ޕާސްތާ މީރުވާހަކައެވެ.

 

މުޅި ރެސްޓޯރެންޓުގެ ހިދުމަތާއި، ލިބެންހުރި ޑިޝްތަކާއި ބުއިންތަކުގެ އިތުރުން އެތަނުގައި ހޭދަކުރެވުނު ކޮންމެ ވަގުތުކޮޅެއްވެސް ވަރަށްވެސް ހިތްގައިމެވެ. ކުރިން ރަހުމަތްތެރިއެއް ކިޔައިދިން ގޮތަށް މުވައްޒަފުން ކަސްޓަމަރުންނާއި މެދު ބާއްވާ ގުޅުމާއި، އެ ބަހައްޓާ ގާތްކަމުން ތަނާއި މެދު ކުރެވޭ ހިތްހަމަޖެހުމުގެ އިހުސާސް ވަރަށްވެސް ފުރިހަމައެވެ. ކެއުމަށް ގެނައި އެއްޗެހީގެ ރެސިޕީގެ އެންމެ މުހިންމު ‘އިންގްރީޑިއެންޓް’ އަޅުގަނޑަށްވެސް އެރޭ އެކެއުމަށްފަހުން ޔަގީންވިއެވެ. އިނގިރޭސިން ބުނާނަމަ ‘އެވްރީ ޑިޝް އިޒް މޭޑް ވިތު ލަވް’އެވެ. ބަރިސްޓާގެ މަސައްކަތްވެސް އެއީ ތަރުހީބު ހައްގު މަސައްކަތެކެވެ.

ފުވައްމުލަކުގެ ފުނާޑު އަވަށުގައި ހުންނަ ވެންޑަލަސްޓް ގެސްޓްހައުސްގެ ކެފޭއީޑެންއަކީ ހުރިހާ ސަބަބަކަށް ބެލި ކަމުގައިވިޔަސް، ކޮންމެހެންވެސް ދާންޖެހޭ ތަނެކެވެ. އެއް ފަހަރު ގޮސްފި ނަމަ އިތުރަށް ދާން ކޮންމެ މީހަކުވެސް ބޭނުންވާނޭ ފެންވަރުގެ ރެސްޓޯރެންޓެކެވެ. އެއީ ހަމަ ހަގީގަތުގައިވެސް ފުވައްމުލަކުގައި މިވަގުތު ހުރި “އެންމެ ހިތްގައިމު، އެންމެ ކާބޯތަކެތި އަގުހެޔޮވެފައި މީރު” ރެސްޓޯރެންޓުކަމަށް މިހާރު އަޅުގަނޑު ގަބޫލުކޮށްފީމެވެ. ތިބޭފުޅާވެސް މިކަމާއި ދެބަސް ނުވާނޭކަން އަޅުގަނޑަށް ޔަގީނެވެ.