English Edition
Dhivehi Edition
ފުލުހުން ކުރިން ހޯދާފައިވަ ބަނގުރާފުޅިތައް/ފޮޓޯ: ޕޮލިސް މީޑިއާ

ހުޅުމާލެ ފޭސް 1 ގައި ހިންގި ބަނގުރަލާއި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޖުލައި 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ނިރޮޅުމަގުން ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރި އިރު 70 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބިދޭސީ ތިން ފިރިހެނުން ހައްޔަރުކޮށްފައިވާއިރު އެއީ 26 އަހަރުގެ މީހަކާ 37 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެކެވެ. މި ތިން މީހުން ބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާފައެވެ،

ޖުލައި 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފްލެޓެއް ބަލައިފާސްކޮށްފައިވާ އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު، ހަތް ސެލޯފިންކޮޅު، ފިލްމު ހުސްކުރި ދަޅެއް، ޖުސްޕެޓީ ކޮތަޅެއް އަދި މޯބައިލް ފޯނުތަކެއްގެ އިތުރުން ފައިސާ ފެނިފައިވެއެވެ. މި މައްސަލައާއި ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހަނަކު ހައްޔަރުކޮށްފައިވާއިރު މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ ޖުވެނައިލް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަދި 23 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާފައެވެ.

މި ދެ މައްސަލަވެސް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

ޓެގު