English Edition
Dhivehi Edition
އެސްޓިއޯ ސްމާޓް ފިހާރަ ހުޅުވުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޝިއަރަކާއި ސޭލްސްމަނެއް ނެތި ވިޔަފާރިކުރެވޭ ގޮތަށް އެސްޓީއޯއިން ހެދި “އެސްޓީއޯ ސްމާޓް ޝޮޕް” ހުޅުވައިފިއެވެ.

އެސްޓީއޯ އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގަމުން ދިޔަ އެ ކުންފުނީގެ ފިހާރަ ސްމާޓް ފިހާރައަކަށް ބަދަލުކުރުމަށް ފަހު ރަސްމީކޮށް ހުޅުވާފައިވަނީ މިއަދުއެވެ. މި ފިހާރަ ހުޅުވާދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެސްޓީއޯ ސްމާޓް ޝޮޕަކީ، އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުންކޮށްގެން ވިޔަފާރިކުރެވޭ ފިހާރައެކެވެ. މި ފިހާރައިން ހިދުމަތް ހޯދުމަށް ކަނޑައެޅިފައިވާ ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ބޭނުންކުރަންޖެހޭއިރު މި އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް އާއި އެޕަލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.

އެސްޓީއޯ ސްމާޓް ޝޮޕް އިން ހިދުމަތް ހޯދުމަށް ‘އެސްޓީއޯ ސްމާޓް ސްޓޯ’ އެޕްލިކޭޝަނުން ލޮގިން ވުމަށްފަހު އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓްރީ ކުރަންޖެހެއެވެ. މި ފިހާރައަށް ވަދެވޭނީ އެޕްލިކޭޝަނުގައި އިންނަ ކިއު އާރުކޯޑު ސްކޭން ކުރުމުންނެވެ. އެއަށްފަހު ފިހާރައަށް ވަދެ ބޭނުންވާ އެއްޗެއް ނެގުމަށްފަހު ހިފައިގެން ދެވޭއިރު މި ފިހާރައިގައި އެއްވެސް ޗެކްއައުޓް ޕްރޮސެސްއެއް ނޯންނާނެއެވެ.

މި ފިހާރައިގައި ކޭޝިއަރެއް ނުވަތަ ސޭލްސްމަނެއް ނެތް ނަމަވެސް، އެސްޓިއޯ އިން ބުނީ މި ފިހާރައިގައި ކަސްޓަމަރުންނަށް އެހީވުމަށް އެޓެންޑެންޓެއް ހުންނާނެ ކަމަށާ ފިހާރައިގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވޮޗަރުން ވެސް ތިބޭނެކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ކެމެރާ ނުވަތަ އޭއައި ކެމެރާތައް ފިހާރައިގެ އެކި ތަންތަނުގައި ހަރުކޮށްފައިވާއިރު މި އޭއައި ކެމެރާތަކުން އެ ފިހާރައިގެ ހަރުތަކާއި، ސްޓޮކު ބެލެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.

ޓެގު