English Edition
Dhivehi Edition
ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން

ގދ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ 14 މަގެއްގައި ތާރުއަޅާ ވަނީ ނިންމާފައެވެ. މިހާރު ކުރިއަށްދަނީ މި މަޝްރޫއުގެ ތެރެއަށް ފަހުން އިތުރުކުރި 500 މީޓަރުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތެވެ.

ތިނަދޫ މަގުގައި ތާރުއެޅުމުގެ މަސައްކަތް އާރް.ޑީ.ސީ އާއި ހަވާލުކުރި ފަހުން، މި މަޝްރޫއުގެ މަސައްކަތަށް ވަނީ އިތުރު ބަދަލުތައް ގެނެސްފައެވެ. މިގޮތުން ކުރިން ހަދަން ފަށާ ނުނިމިހުރި 5 މަގެއްގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.އަދި މަގުތަކުގައި މަގުބައްތި ޖެހުމާއި، ހައުސިން ޔުނިޓް އޭރިއާގެ ފްލަޑިން ރެކްޓިފިކޭޝަން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު ސްޕީޑް ބްރޭކަރު ހަރުކުރުމާ، ޓްރެފިކް ނިޝާން ކުރަހުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަށް އިތުރުކުރި މަސައްކަތްތަކާއެކު މި މަޝްރޫއު ނިންމުމަށް އާރްޑީސީއަށް ދީފައިވާ މުއްދަތު މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ.