English Edition
Dhivehi Edition

މިހާރު ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް، އޭނާގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހުށަހަޅައިފިއެވެ،

ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް އަދީބް ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަދީބްއަށް ބޭސް ފަރުވާގެ މުއްދަތަށް ދީފައިވާ 10 ދުވަސް މިއަދަށް ހަމަވާ އިރު ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ ފަރާތުން މެޑިކަލްގެ މުއްދަތު އިތުރު ކުރެއްވުމަށް ކަރެކްޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އަދީބް ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކަށް ބެލުމަށް ފަހު ގޮތެއް ނިންމާނީ މެޑިކަލް ބޯޑުން ކަމަށް ކަރެކްޝަނުންވަނީ ބުނެފައެވެ.

މީގެ ކުރިން އަދީބު ނިސްބަތްވެވަޑައިގަންނަވާ އެމްޓީޑީން ބުނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 އިން 2018 އަށް އަދީބަށް ނުހައްގުން އަނިޔާދީ، ބޭސްފަރުވާ އަށް ހުރަސް އަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ސާބިތުވެ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބްގެ ސިއްޙީ ހާލަތު ހުރި ގޮތުން، ކަރެކްޝަނުން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.

އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެއެވެ.