English Edition
Dhivehi Edition

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ ރޫޅާލާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި “ދަ ޑިމޮކްރެޓްސް” އަށް ސޮއިކުރެއްވުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީ ރޫޅާލައްވަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

“އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ތި ޕާޓީ ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ. އަޅުގަނޑު ތި ޕާޓީ ރޫޅާލާނަން، އެމްޑީޕީ ރޫޅާލާނަން، ރޫޅާލާނަން. ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން،” ނަޝީދު ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވީ ވަރަށް ހިތްދަތިކަމާ އެކު ކަމަށެވެ.

.”އެމްޑީޕީ ދޫކޮށްލީ ވަރަށް ހިތްދަތިކަމާ އެކު. އެހެންނަމަވެސް ވަކި ފިކުރެއް ދިރުވުމަށް އެ ޕާޓީ ދޫކޮށްލަންޖެހުނީ. އެ ފިކުރު ދިރުވުމަށްޓަކައި ކުރިއަށް އޮތް އިންތިޚާބުގައި އެ ޕާޓީއިން ވާދަކޮށް އެމްޑީޕީ ރޫޅާލާނަން” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެސްއެމްއީ ލޯނަކަށް ނަފުސު ވިއްކާލައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީ އުފެއްދި ސިޔާސަތު މިހާރު ނެތް ކަމަށާއި އެ ސިޔާސަތަށް ތާއީދުކުރާ މީހުން މިހާރު ތިބީ ދަ ޑިމޮކްރެޓްސް އާއެކު ކަމަށް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު އާއެކު ގިނަ ބަޔަކު ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބައެއް މީހުން ވަޒީފާތަކުން ވަކިވެ އެޕާޓީއަށް ރޭ ވަނީ ސޮއިކޮށްފައެވެ.