ހިޖްރައިން ދަސްވާ އެއް ފިލާވަޅަކީ ވަތަން ދެކެ ލޯބިވުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.
ޚުތުބާގައި ބުނީ ރަސޫލާ މައްކާއިން ނިކުމެ ވަޑައިގަންނަވަމުން މައްކާއާ މުޚާތަބު ކުރައްވާ ހަދީސް ކުރެއްވި ބަސްފުޅުތަކަކީ މިއަދުގެ މުސްލިމުންނަށް ވަތަން ދެކެ ލޯބިވުމަށް އަގުހުރި ފިލާވަޅެއް ކަމަށެވެ. އަދި ރަސޫލާ ހަދީސް ކުރައްވާފައިވަނީ ﷲގެ ބިންތަކުގެ ތެރެއިން އެންމެ ރަނގަޅު ބިމަކީ މައްކާ ކަމުގައި ވެސް ބުންޏެވެ.
މީގެ އިތުރުން ތިބާގެ އަހުލުވެރިން ތިބާގެ ބިމުން ތިބާ ނެރެ ނުލިނަމަ، ރަސޫލާ މައްކާއިން ނިކެމެވަޑައެއް ނުގަންނަވާނެ ކަމުގައި ވެސް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ މާތް ﷲ ވޮޑިގެން ވަނީ ތަގުވާވެރިންނާއެކުގައި ކަމަށާއި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް، ރަނގަޅު ކަންތައްތަކަށް ހިޖުރަކުރުން ކަމުގައެވެ. އަދި މުސްލިމުންނަށް އިއްޒަތާއި ގަދަރު ލިބުން އޮތީ އެ މީހުންގެ އަގީދާ ހިފެހެއްޓި މިންވަރަކުން ކަމަށެވެ.
ރަސޫލާ މަދީނާގައި ގާއިމް ކުރެއްވި އިސްލާމީ ދައުލަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ބާރު ކަމުގައިވާ ފާރިސީންނާއި ރޯމަނުން ބަލިކުރީ މުސްލިމުންގެ އަގީދާއާއި އީމާންކަން ހަރުދަނާވުމުން ކަމަށާއި އެއީ މުސްލިމުންގެ އަދަދު ގިނަވެގެން ނުވަތަ ހަތިޔާރު މޮޅުވެގެން ނޫން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ރަސޫލާ މަދީނާއަށް ކުރެއްވި ހިޖުރައަކީ، ދީނަށް ނަސްރު ހޯއްދެވުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށާއި އެއީ ޖިހާދުގެ މައިދާން، މައްކާއިން މަދީނާއަށް ބަދަލު ކުރެއްވުން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
ނަބަވީ ހިޖުރައިގެ ސަބަބުން އިސްލާމްދީނުގެ ތަސާމުހު ހާމަވިކަން ފާހަގަކޮށް ހުތުބާގައި ބުނީ ހިޖްރައިގެ ސަބަބުން އެހެން ދީންތަކުގެ މީހުންނާ މުސްލިމުންނާ ދެމެދު، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމު ކުރުން، ފައިދާ ލިބިގަތުން އަދި މައުލޫމާތު ބަދަލު ކުރުމުގެ އުސޫލު ތައާރަފުވި ކަމަށެވެ.