English Edition
Dhivehi Edition
ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރަޓިކްސްއަށް ސޮއެ ކުރައްވައިފިއެވެ.

އެމަނިކުފާނު ސޮއެ ކުރެއްވީ އެކަމަށްޓަކައި އާރޓްފިޝަލް ބީޗުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައެވެ.

އެމަނިކުފާނުގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގައި ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވި ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ވެސް ވަނީ ދަ ޑިމޮކްރެޓްސް އަށް މިރޭ ސޮއެ ކުރައްވާފައެވެ. އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަަރު އަހުމަދު ރަޝީދު (ޗެކްމާކް އަހްމަދު ރަޝީދު) ވެސް ވަނީ މިރޭ ސޮއެ ކުރައްވާފައެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުންނާއި އެ ޕާޓީގެ މެމްބަރުކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ރައީސް ނަޝިދު، އެމްޑީޕީ އިން ވަކިވެވަޑައިގެންނެވި ސަބަބެއް ކަަމަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުންނެވުން “އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.

އެމްޑީޕީގެ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި، ކުރީގެ ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕާރސަންގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި ގިނަ ޕާޓީތަކެއް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވީ އެމަނިކުފާނު ރިޔާސީ ކެނޑިޑޭޓަކަށް ހުންނަވައިގެނެވެ.