English Edition
Dhivehi Edition

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝަހީބް އިބްރާހިމް،(ލައިޓްހައުސް/ގއ. ވިލިނގިލި) ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުން ޝަހީބް ދޫކޮށްލީ ކޯޓުގައި އޮތް ބަންދު މުރާޖައާކުރުމުގެ އަޑުއެހުމުގައި ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެއީ ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ އެ ކޯޓުގެ މިއަދުގެ ތާވަލުގައި ހިމެނޭ އަޑުއެހުމެއް ނޫނެވެ.

ކްރިމިނަލް ކޯޓުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޝަހީބް ދޫކޮށްލާފައިވަނީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ. އެ އަޑުއެހުން ބޭއްވީ ޝަހީބުގެ ފަރާތުން ބަންދު މުރާޖައާ ކުރުމަށް އެދިފައިވާތީ ކަމަށް އެ މެސެޖުގައިވެ އެވެ.

ޝަހީބު އާއި މި މަސައްލައިގައި ދެން އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތު ކުރާ އަހްމަދު މޫސާ، ވައިލެޓްވިލާ/ ހއ. ހޯރަފުށި ބަންދުން ދޫކޮށްލުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެން ނަމަވެސް ފަހުން ހައި ކޯޓުން ވަނީ އެ ދެ މީހުން ހައްޔަރުކުރުމަށް އަމުރު ނެރެފައެވެ.