ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅަން ނިންމާފައިވާ ބްރިޖްގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ މާޗް މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުގެ މަސައްކަތް ހިނގަމުންދާ ސަރަހައްދުގައި ހުންނަވާ އާޒިމް ވިދާޅުވީ މި ކޯޒްވޭއަކީ ދެ ރަށުގެ ރައްޔިތުންނަށް ވެސް ވަރަށް މުހިންމު ކޯޒްވޭއެއް ކަމަށެވެ. މިދިޔަ ސަރުކާރުގައި އެ ތަނުގައި ހަދައިފައި އޮތް ކޯޒްވޭއަކީ ވެލިބެޑުތަކެއް ޖައްސައިގެން ހަދައިފައިވާ ތަނެއްކަން ފާހަގަކޮށް އާދަމް އާޒިމް ވިދާޅުވީ އެ ކަމުގެ ސަބަބުން އުދަ އަރާ ރަށުގެ މުހިންމު ދެ ތަނެއް ގިރައިގެން ގޮސްފައިވާ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅު ވަނީ މި ދެ ރަށަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާ ގޮތަށް ޕްރޮޖެކްޓް ކުރިއަށް ގެންދަންކަން ފާހަގަކޮށް އާދަމް އާޒިމް ވިދާޅުވީ އެންމެ ފުރަތަމަވެސް މަސައްކަތްކުރީ ކުރިން އަޅާފައިވާވެލި ބެޑު ނެގޭނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެެވެ.
މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ ބްރިޖް އެޅުމާއެކު ރަށް ގިރުމަށް ވެސް ހައްލު ލިބިގެން ދާނެކަމަށެވެ. އަދި ގިރާ ސަރަހައްދުތަކަށް ވެލި އަޅައި އެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ކުރެވޭނެ ކަންކަން ވެސް އެމްޓީސީސީން ކޮށްދޭނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.