English Edition
Dhivehi Edition

އާރްޓީއެލް ގެ ފެރީގެ ހިދުމަތް ހުވަދޫ އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

ގދ. ތިނަދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ހުވަދު އަތޮޅަށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީން ބުނީ މިއަދުން ފެށިގެން ހަފުތާއެއްވަންދެން ދަތުރުތައް ކޮށްދޭނީ ހިލޭ ކަމަށާއި އެއީ ރައްޔިތުނަށް ތަޖުރިބާ ކޮށްލަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އަދި އެ މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދުމަށް ގުޅަން ޖެހޭނީ އެރަށެއްގެ ކައުންސިލަށް ކަމަށް ވެސް އެމްޓީސީސީ އިން ބުނެއެވެ.

މީގެ އިތުރުން ފެރީގެ ހިދުމަތްތަކަށް ފައިސާ ނަގަން ފަށާނީ މި މަހުގެ 20 ފެށިގެން ކަމަށާއި ފެރީ ޝެޑިއުލް އަދި ރޫޓުތައް އާރްޓީއެލް މޯބައިލް އެޕްލިކޭޝަން އަދި ވެބްސައިޓު މެދުވެރިކޮށް ބަލާލެވޭނެ ކަމަަށާއި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ވެސް ނެގޭނެ ކަމަށް ބުނެއެވެ.

އެމްޓީސީސީ އިން މި ހިދުމަތް މިއަދު ފަށާފައި މިވަނީ ޖުމްލަ 6 ފެރީ ލޯންޗާއި އެކުގައެވެ. މި ހިދުމަތް ހަފުތާއަކު ހަތް ދުވަހު، ނުވަ ރޫޓަކުން ލިބޭނެއެވެ.

ގ.އ އަދި ގ.ދ އާއިއެކު އާރްޓީއެލްގެ މި ހިދުމަތް މިހާރުވަނީ ހއ، ހދ، ށ އަދި ޅ. އަތޮޅު ގައި ފަށާފައެވެ.

އެމްޓީސީން ބުނީ ފެރީ ނިޒާމުގެ ދަށުން ޒޯން ހައެއްގައި ހިމެނޭ ފުވައްމުލައް އަދި އައްޑޫ ސިޓީ، އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ހުވަދޫއާ ގުޅުވާލާނެއެވެ.

ފެރީގެ ހިދުމަތް ރައީސް ސޯލިހްގެ ސަރުކާރުން ހދ. އަތޮޅުގައި ފެށީ 2022 ވަނަ އަހަރުގެ މެއި މަހުގައެވެ. ނަމަވެސް އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްތަކެއް ފެރީގެ ނިޒާމުން ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އާރްޓިއެލް އިން އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.