ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު މެންދުރުފަހު 15:00 އަށް ނެރެފައިވާ އެލަރޓުގައި ބުނީ 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެލަރޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ނުކުރުމަށް ނުވަތަ މައުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް ވއެދިފައި ވެއެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި ސަލާމަތީ ކިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން މަނާ ވާނެ ކަމަށެވެ.
ޔެލޯ އެލަރޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ އެލަރޓެކެވެ. މި އެލަރޓު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.