English Edition
Dhivehi Edition

ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިނުގެންނެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް އަދިވެސް އެ މަނިކުފާނަށް ވެރިކަން ލިބިވަަޑައިގަންނަވާތޯ މަސައްކަތް ކުރެވިދާނެ ކަމަށާއި އެކަމަކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދުވަހަކު ވެސް ރައީސް ނަޝީދު އާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދާއެކު މަސައްކަތް ނުކުރައްވާނެ މައިގަނޑު ސަބަބަކީ ދެބޭފުޅުންގެ ވިސްނުމުގައި ހުރި ތަފާތުކަމަށް ވެސް ވިދާޅުވިއެވެ.

އުމަރު ނަސީރު ވިދާޅުވީ ނަޝީދުގެ ‘އައިޑިއޮލޮޖީ’ އަކީ ވަރަށް ‘ލިބަރަލް އައިޑިއޮލޮޖީ’ އެއް ކަމަށާއި ނަމަވެސް އުމަރަކީ ވަރަށް ކޮންޒެވޭޓިވް އަދި އިސްލާމީ ޝަރީއަތުގައި ހިފަން ވަރަށް ބޮޑަށް ބޭނުންވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރުމަށް މަސައްކަތް ކުރެއްވި މަންޒަރު ފެނިވަަޑައިގެންނެވި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިާ އުމަރު ނަސީރު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މިފަދަ ކަންކަން އިސްލާހުވެގެން ދާނެކަމަށާއި ސަރުކާރު ހޮވުމަށް ކެމްޕެއިން ކުރި ނަމަވެސް، އުމަރުގެ ސަރުކާރެއްގައި ކަންކަން ހަވާލު ކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ އެންމެ މޮޅެތި މީހުންނާ ކަމަށެވެ.