English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމާއި ގުޅިގެން އުފެދުނު “ފިކުރެއްގެ ދިރުން” ފެކްޝަނުން އުފައްދާ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޮއެ ކުރައްވަން ނިންމަވައިފި ކަމަށް ޚަބަރުތައް ބުނެފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް، ދަ ޑިމޮކްރެޓްސް އަށް ސޮއެ ކުރެއްވުމަށް ނިންމަވާފައިވަނީ މާދަމާރެއެވެ. އެއީ އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައެވެ.

ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ 8:30 ގައި ޣިޔާސުއްދީން ސްކޫލު ހޯލުގައި އޮންނާނެ ކަމަށެވެ. އަދި މި ޖަލްސާގައި އެ ޕާޓީއަށް އަލަށް ގުޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް 3560 ފޯމު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނި މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ.

އެ ފޯމުތައް ވެރިފައި ކުރުމަށްފަހު ޖަލްސާ ބޭއްވުމުގެ ހުއްދަ މި މަހުގެ 2 ވީ އާދިއްތަ ދުވަހު ވަނީ ދީފައެވެ.

ދަ ޑިމޮކްރެޓްސް ޕާޓީއަކީ ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރާ ޕާޓީއެއް ނަމަވެސް ރައީސް ނަޝީދު އަދި އެ ޕާޓީއާއި ގުޅިވަޑައިގެންފައެއް ނުވެއެވެ. އެހެން ނަމަވެސް އެ މަނިކުފާނު މިހާރު ވަނީ އެމްޑީޕީއިން ވަކިވެވަޑައިގެންފައެވެ.