މާތް ﷲ އިންސާނުން މިދުނިއަށް ފޮނުވާފައިވަނީ ނިސްބަތުން ވަރަށް ކުޑަދުވަސްކޮޅަކަށެވެ. ކޮންމެމީހަކީވެސް ވަކިއަޖަލެއްކަނޑައެޅިފައި ވާ މީހެކެވެ. ދުނިޔެވީ ހަޔާތަކީ އިންސާނާގެ ހަޤީޤީ މަންޒިލް މަޤްސޫދެއް ނޫންކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާނުން ކައްސުވާލައިގެން ވާކަށްނެތެވެ. އަދި އިންސާނާގެ އަސްލު މަންޒިލަކީ އުޙްރަވީ ހަޔާތެވެ.
އިންސާނާ ދުނިއަށް ފޮނުއްވާފައިވަނީ އާޙިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމަށެވެ. ދުނިޔެވީ އެދުނަތައް ހާސިލް ކުރުމަކަށް ނޫނެވެ.
މި ފަނާވަނިވި ދުނިއެއަކީ ހެއްލުންތެރި ކެހިވެރި ތަނެއްކަމާއި މިތަނުގެ ލައްޒަތާއި އުފަލާއި އަރާމަކީ ދަޅަތަކެއްފަދަ ވަގުތީ އެއްޗެކެވެ. އެހެންކަމުން ދުނިޔޭގައި އުޅުމަށް އަޅުގަނޑުމެންނަށް ދެއްވާފައިވާ ކުޑަވަގުތު ކޮޅުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފައި އާޙިރަތް ބާއްޖަވެރި ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ.
ކޮންމެމީހަކުވެސް އެމީހެއްގެ މަރުގެ ދަޢުވަތު އެމީހަކަށް ލިބޭނެއެވެ. އެއީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައި ކަމެއް ނޭނަގޭނެއެވެ. މަރު އައިސް ބައްދަލުކުރާނީ ކޮންފަދަ ހާލަތެއްގައި ތިބާ ވަނިކޮށް ކަމެއްވެސް ނޭންގޭނެއެވެ.
އިންސާނާ އޭނާއަށް ކަނޑައެޅިފައިވާ ދުނިޔޭގެ ދަންފަޅި ހަމަކުރުމަށް ފަހު އެނބުރި ﷲ ގެ ޙަޞްރަތަށް ދާންނުޖެހޭނޭ އެއްވެސް މަޙްލޫގެއް ނުވެއެވެ. ކޮންމެ މަޙްލޫޤެއްވެސް މިދުނިޔެ އާއި އަލްވަދާޢު ކިޔަންޖެހޭނެއެވެ. މާތް ﷲ ސްބުހާނަހޫ ވަތައާލާގެ ވަހީބަސްފުޅެއްގެ މާނާގައިވެއެވެ.” އެބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ.އަދި ކަލޭގެ ފާނުގެ ވެރި ކީރިތިވަންތަކަމާއި ، މާތްވަންތަކަމުގެ ވެރި ރަސްކަލާންގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ” މިއެވެ. އަދި އެކަލާންގެ ވަހީބަސްފުޅެއްގެ މާނާގައި ވެއެވެ.”ކޮންމެ އުންމަތަކަށް އަޖަލެއްވެއެވެ.ފަހެ އެއުރެންގެ އަޖަލު ހަމަވުމުން ،އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއް ނުކުރަށްވާ ހުއްޓެވެ.އަދި އަވަހެއްވެސް ނުމެކުރަށްވާ ހުއްޓެވެ”
އެހެންކަމުން މިހަޤީޤަތާއި ކުރިމަތި ވުމުގެ ކުރިން ތިމާ ތައްޔާރުވެ ތަޤުވާވެރިވެ ވާންޖެހެއެވެ. ތައުބާވެ ފާފަފުއްސެވުމަށް އެދި ﷲ ސްބުހާނަހޫ ވަތައާލާއަށް ދަންނަވާ ގިނަގިނައިން ދުޢާކުރަންޖެހެއެވެ.
އަޅުގަންޑުމެންގެ ލޯމަތިން މިއަދު ފެންނަނީ އަޅުގަނޑުމެންނާއި އެކު އުޅޭ ރަށްޓެހިންނާއި ، ގާތް މީހުން އަދި އާއިލާ މީހުން އެކި އެކި އެކްސިޑެންޓްތަކުގައި އާއި ބޮޑެތި ބަލިތަކުގަޔާއި ނުވަތަ އެއްވެސް ބައްޔެއްނެތި ގަދަފަދަމީހުން މަރުވެގެންދާތަނެވެ. ވަކި އުމުރެއްގެ މީހެއް ވަކިނަސްލެއްގެ މީހެއް، މުއްސަންޖެއް ،ފަޤީރެއް ، މާތްމީހެއް ނުވަތަ ނިކަމެއްޗެއް ، ރުހުނަސް ނުރުހުނަސް މިދުނިޔެ ދޫކޮށް ﷲ ގެ ޙަޟުރަތަށް އެނބުރިދާތަން އަޅުގަނޑުމެންގެ ލޯމަތިން މިއަދު މިދަނީ ފެންނަމުންނެވެ.
އަޚާއެވެ. މަރަކީ އެންމެ މާގުތައި ވާ އެއްޗެވެ. ތިބާ ކޮންމެ ފަދަ ތާކު ކޮންމެ ހާލަތެއްގައި ހުއްޓަސް މަރު ތިބާއާއި ބައްދަލުކުރާނެއެވެ. އަވަހަށް ތައުބާވެ ﷲ ގެ މަގައް ރުޖޫޢަވުމަށް ލަސްނުކުރާށެވެ.
މަޢުލޫމާތު: ޢިލްމުވެރިންގެ ފަތުވާތަކުން