English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، އަނބިކަނބަލުން ފަޒުނާ އަހުމަދު މިއަހަރުގެ އަޟުހާ ޢީދު ފާހަގަ ކުރުމަށް އއ. ތޮއްޑޫއަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން މިއަދު ތޮއްޑޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި ކުދި ބޮޑު ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިއަހަރުގެ އީދު ފާހަގަކުރުމަށް ތޮއްޑޫގައި މިއަދު މެންދުރު ބޮޑު ޖާފަތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިޖާފަތުގައި ރައީސް ޞާލިހުގެ ދެކަނބަލުންނާއި ރަށުގެ ރައްޔިތުން ބައިވެރިވާނެއެވެ. އަދި އެރަށުގައި މިއަދާއި މިރޭ ވެސް ތަފާތު އެކި ކުޅިވަރުތައް ބޭއްވުމަށް ނިންމާފައިވާއިރު، އެ ކުޅިވަރުތަކާއި ހަރަކާތްތަކުގައި ރައީސް ސާލިހުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި ވިދާޅުވީ ދުގެ އެންމެ މަތިވެރި މަޤްޞަދަކީ، އެކަކު އަނެކަކަށް މަޢާފްކޮށް ހިތްހެޔޮކުރުންކަމުގައެވެ.

އެމަނިކުފާނު ވަނީ ޢީދުގައި އުފާ ފާޅުކުރާއިރު، މައިންބަފައިންނާ ބައްދަލުކޮށް، އިޙްތިރާމާއި އޯގާތެރިކަމާއެކު ޢީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށާއި، އަނބިދަރިންނަށް ހަދިޔާ ދީ ލޯތްބާއި ކުލުނާއެކު ޢީދުގެ އުފާ ފާޅުކުރުމަށާއި، ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަޙުމަތްތެރިންނަށް ޒިޔާރަތްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު ޢީދުގެ ތަހުނިޔާ ބަދަލުކޮށް އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމަޢުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.