English Edition
Dhivehi Edition

‘އައްޑޫ އީދި ސަމާ ފެސްޓިވަލް’ގެ ޑިޖިޓަލް ޕާޓްނަރ އަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިސްނެގުމާއެކު ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރ އަކީ އުރީދޫ މޯލްޑިވްސް އެވެ.

އައްޑޫ ސިޓީ ކައުންސިލް އިން ބުނީ 1444 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 27 ޖޫން 2023 އިން 01 ޖުލައިގެ ނިޔަލަށް 4 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމަފައިވާ ކަމަށެވެ.

މި ހަރަކާތްތައް “އީދި މަޅިން” ފަށާއިރު، މާދަމާ އޮންނާނީ ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުމާއި ހުރިހާ އަވަށެއްގައި އީދު ސައި ބުއިމެވެ. އަދި އުޟުހިޔާ ކަތިލުން ވެސް ހުރިހައި އަވަށެއްގައި ކުރިއަށް ދާނެއެވެ.

މީގެ އިތުރުން ހުރިހާ އަވަށެއްގައި ރަށުތެރެ ދިއްލާ ޒީނަތްތެރިކުރާއިރު، އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑު ވެސް މާދަމާ އޮންނާނެއެވެ. މި ޕެރޭޑް އޮންނާނީ ހިތަދޫގައި މާދަމާ ހަވީރު 16:00 ހާއިރު އެވެ.

ހިތަދޫ ސްކޫލް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ އެ ރަށު “ސަރުސަނާ 3” ފިހާރަ ކުރިމައްޗަށް ކަމަށެވެ.

މީދޫގައި ތައްޔާރުކޮށްފައި ވާ އީދް ސައި– ފޮޓޯ: ލުބްނާ މަޖީދް މުހްތާރު / އޭއޯނިއުސް

މިއަހަރުގެ އަޟުހާ އީދު ފާހަގަކުރުމަށް އައްޑޫ ސިޓީގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކަށް ބަލާލާއިރު، 29 ޖޫން ގައި ބާއްވާ ފުޅަނދުބުރު ފާހަގަކޮށްލެވެއެވެ. މި ފުޅަނދުބުރު އޮންނާނީ ގުޅިފައިވާ ރައްތަކުގައެވެ. އަދި ހިތަދޫގައި އޮންނަ ބޮޑުމަސް ބޭނުން ވެސް ފާހަގަކޮށްލެވެއެވެ.

ޖޫން 30 ގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ޖޫން 28 ން 30 ގެ ނިޔަލަށް އިތުރު ހަރަކާތްތަކާއި ކުޅިވަރުތައް ވެސް ކުރިއަށްދާނެއެވެ.

އެގޮތުން ހިތަދޫގައި ބައިބަލާ މުބާރާތެއް ބާއްވާއިރު، މަރަދޫގައި ވާދެމުމުގެ މުބާރާތެއް އޮންނާނެއެވެ. އަދި މަރަދޫފޭދޫގައި މިކްސް ވޮލީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފޭދޫގައި މިކްސް ފުޓްސަލް މުބާރާތެއް އޮންނާނެއެވެ. އަދި ޖޫން 28 ން 30 އަށް ހުޅުދޫގައި ޓެކްބޯލް މުބާރާތެއް ބާއްވާއިރު، މީދޫގައި ޑޮޖުބޯލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

މިއަހަރުގެ އަޟުހާ އީދުގައި އެންމެ ގިނަބަޔަކު އިންތިޒާރުކުރާ އެއް ހަރަކާތަކީ “ފަންނާނުންގެ ޝޯވ” އެވެ. މި ޝޯވ އޮންނާނީ ޖުލައި 1 ވަނަ ދުވަހުގެ ރެއެވެ. މި ޝޯވ އާއެކު ހަވާ އެރުވުން ވެސް އޮންނާނެއެވެ.