English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ސ.މީދޫ ގައި ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އާއިލާއިން ބުނެފިއެވެ.

މާރާމާރީގައި ޒަހަމް ވެފައިވަނީ ސ.މީދޫ ދެލިޔާ ވިލާ ، އަހްމަދު އައްސަރު ހުސެއިން 20އ އެވެ. އައްސަރަށް މިވަގުތު ފަރުވާދެމުން ގެންދަނީ އޭ. އީ. އެޗް އައި.ސީ.ޔޫ ގައެވެ.

އައްސަރުގެ އާއިލާއިން ބުނީ، ހޮނިހިރު ދުވަހުގެރޭ 11:45 ހާއިރު އައްސަރު ސ. އަތޮޅު މަދަރުސާ ކުރިމަތީގައި ހުއްޓާ އެރަށު އެހެން ޒުވާނަކު ފަހަތުން އޭނާއަށް ގޮވާލާފައި ދަގަނޑު ގަނޑަކުން އޭނާގެ ބުރަކަށްޓަށް ހަމާލާ ދީފައިވާ ކަމަށެވެ. މީގެ އިތުރަށް ހަމަލާ އަށްފަހު އައްސަރު ގައިގައި އެޒުވާނާ ވަނީ ތަޅައި އަނިޔާ ކޮށްފައި ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އައްސަރަށް ދިން އަނިޔާއަށްފަހު އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމީދޫ ހެލްތް ސެންޓަރުގައެވެ. ނަމަވެސް އިތުރު ފަރުވާ އަށް އެރޭ އޭނާ އޭ.އީ. އެޗް އަށް ވަނީ ފޮނުވާލާފައެވެ. އާއިލާ އިން ބުނީ އައްސަރަށް ހަމަލާ ދިންމީހާ، މިމަހު ވިހި ވަނަ ދުވަހު ވަޅި ދެއްކުމަށްފަހު އައްސަރު އަށް އިންޒާރު ދީފައިވާ ކަމަށެވެ.

އައްސަރަށް ލިބުނު ޒަހަމްތަކުގެ ތަފްސީލު ކިޔައިދެމުން އާއިލާ އިން ބުނީ އޭނާގެ ބުރަކަށްޓަށް ދަގަނޑު ގަނޑުން ދިން ހަމަލާގައި ފުއްޕާމެއަށް ހެރި ފުއްޕާމެއަށް ގެއްލުންވެ އިންޓާރނަލް ބްލީޑިން އެއް ހުރިކަމަށާއި ފުއްޕާމެއިން ގާތްގަނޑަކަށް 1000މލ ގެ ލޭ ބޭރުވެފައިވާ ކަމަށެވެ. އައްސަރުގެ ފުއްޕާމެއަށް ލިބުނު ގެއްލުމަށް ފަރުވާ ދިނުމަށް އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލްގައި 25ވަނަ ދުވަހު ފުއްޕާމޭގެ އޮޕްރޭޝަނެއް ކޮށް އޭނާގެ ހަށިގަނޑަށް ލޭ އަޅާފައި ވެއެވެ. އާއިލާ އިން ބުނީ އޮޕަރޭޝަނަށް ފަހުވެސް އޭނާގެ ފުއްޕާމޭ ދުޅަވެ ނޭވާލުމަށްވެސް އުނދަގޫ ކަމަށެވެ.

އާއިލާ އިން ބުނީ އޮޕްރޭޝަނަށްފަހު އައްސަރުގެ ހާލަތު ރަނގަޅު ނޫން ކަމަށާއި އޭނާ މާލެއަށް އިތުރު ފަރުވާ އަށް ފުރުވާ ފުލެވޭވަރު ވީހާ އަވަހަކަށް މާލެ ފޮނުވާލާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިމައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.