English Edition
Dhivehi Edition
ދި ޑިމޮކްރެޓްސްއާއި ޕީޕީއެމުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޑިމޮކްރެޓްސް

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ހިފެހެއްޓި ކަމަށް ބުނެ އެ ޕާޓީން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

.ދަ ޑިމޮކްރެޓްސް” ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދުވެސް ލިބިވަޑައިގެންފައިނުވާ ކަމަށާއި އިލެކްޝަން ކޮމިޝަނަށް އިތުބާރު ނުކުރައްވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފުވަނީ ވިދާޅުވެފައެވެ.

ޕާޓީތަކުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަދޭން ނިންމައި އަންނަ އާދީއްތަދުވަހު އެ ހުއްދަ ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް ހުސައިން ހަބީބު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެކަން އެއްވެސް ރަސްމީ ސިފައެއްގައި އަންގާފައިނުވާ ކަމަށާއި ރަސްމީ ބައްދަލުވުންތަކުގައި އީސީން ދައްކާ ވާހަކަތައް ފަހުން ބަދަލުކުރަމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, އުފެއްދުމުގެ ހުއްދަ ދިނުމަށް ގާނޫނުން އީސީއަށް ދޭ ތިން މަހަކީ އެއީ ފޯމުތައް ވެރިފައި ކުރުމަށް ދޭ މުއްދަތެއް ކަމަށެވެ. އެހެންކަމުން, އެ މަސައްކަތް ނިމުމުން, އިތުރަށް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނެތް ކަމަށާއި އެ މައްސަލަ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޙަސަން ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ކަންތައްތައް ކުރައްވަމުން ގެންދަވަނީ ރައީސް ޞާލިޙް ބޭނުންފުޅުވާ ގޮތަށް ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ އެ ޕާޓީ އުފެދުނަނުދީ އިންތިޚާބަށް ދިއުމަށް ކަމަށް ހަސަން ވިދާޅުވިއެވެ. އަދި އީސީއަށް އިންސާފުވެރި މިނިވަން އިންތިޚާބެއް ބޭއްވިދާނެ ކަމާމެދު ޙަސަން ވަނީ ސުވާލު އުފައްދާފައެވެ،.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2ވާ އާދީއްތަ ދުވަހު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް، ހ. ސީވީޑް ހަސަން ލަތީފަށް މިހާރު އެކަން އަންގަވާފައިވާކަމަށެވެ.

އީސީން ބުނީ ދަ ޑިމޮކްރެޓްސް ޕާޓީގެ ފޯމްތައް އެއްކޮށް ޗެކްކޮށް ނިމިފައިވާކަމަށާ، އެ ޕާޓީއަށް މެމްބަރުން ހަމަވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. ޖޫން1 ވަނަ ދުވަހު ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމަށް 3560 ފޯމު ވަނީ ހުށަހަޅާފައެވެ.

ރައީސް ނަޝީދު އިސްވެ ހުންނވައިގެން އުފައްދާފައިވާ ދަ ޑިމޮކްރެޓްސްއާއި ޕީޕީއެމްއިން އިސްވެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން މިހާރުވަނީ އިއްތިހާދު ވެފައެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ދެ ޕާޓީން ވެސް ކެންޑިޑޭޓަކު ނެރޭނެކަން ވަނީ އިއުލާނު ކޮށްފައެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީގެ ޓިކެޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުވާފައެވެ. ޕާޓީ އުފެއްދުމުގެ މަސައްކަތް އެއްކޮށް ފުރިހަމަ ނުވާތީ، ޑިމޮކްރެޓްސްއިން އަދި ކެންޑިޑޭޓެއް ނުނެރެއެވެ. އެހެންނަމަވެސް އިންތިޚާބަށް ބޭފުޅަކު ނެރޭނެކަން އެ ޕާޓީން ވަަނީ ބުނެފައެވެ.