English Edition
Dhivehi Edition
އިކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް

އެމްޑީޕީ އަކީ އެންމެނަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ކުރެއްވި ޓުވިޓެއްގައި މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ އެމްޑީޕީ އާއި ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މި ގޮތުން އީވާ ވަނީ އެމްޑީޕީ ދާނީ ފަހަތަށް ކަމަށާއި އަންނަ އަހަރު އެ ޕާޓީގެ ޗެއާޕާސަނަކަށް ހުންނަވާނީ ޖާބިރު ކަމަށް ވިދާޅުވެ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އީވާގެ ވާހަކައަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ އަކީ އެންމެނަށްވެސް މަރުހަބާ ކިޔާނެ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީގެ ތެރެއިން ކޮންމެ ރަށެއްގެ ކޮންމެ އާއިލާއެއްގެ މީހަކަށްވެސް ކުރިއެރުން ލިބޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން ފައްޔާޒު ވަނީ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޖާބިރަށް ދައުވަތު ދެއްވާފައެވެ.