English Edition
Dhivehi Edition

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި ބަނގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗު ލުބުނާނުން ކާމިޔާބު ކޮށްފިއެވެ.

މިއަދު ކުޅުނު މި މެޗު ލުބުނާނުން ކާމިޔާބު ކުރީ ބަނގްލަދޭޝްގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުހެ ވަކި ހިސާބަކުން ލުބުނާނުން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އެގޮތުން ބަނގްލަދޭޝްގެ ޕެނަލްޓީ އޭރިއާތެރެއަށް ގިނަ ހުރަސްތަކެއް ނަގަމުން ދިއުމުގެ ނަތީޖާއަކަށްވީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދުމެވެ.

ފުރަތަމަ ހާފުގައި ބަނގްލަދޭޝްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ލުބުނާނުން ފޮނުވާލި ނަމަވެސް މީގެން ހަމަލާއެއް ގޯލުތެރެއަށް ފޮނުވާލެވޭގޮތް ވަނީ ނުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.

މެޗުގެ ފަހު ހާފު ފެށިގެން ވެސް ރަނގަޅަށް ކުޅެމުން އައީ ލުބުނާނުންނެވެ. އެގޮތުން ލަނޑު ޖަހަން ލުބުނާނުގެ ކެޕްޓަން މާތޫކަށް ގާތްގާތުގައި ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ނަމަވެސް މި ފުރުސަތުތައް ވަނީ ބޭނުން ނުކުރެވި ބޭކާރުވެފައެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ބަންގުލަދޭޝްއަށް ހުސް ފުރުސަތެއް ލިބުނެވެ. އުފެއްދި ކައުންޓާ އެޓޭކެއްގައި ޝޭޚް މޯރްސަލިން ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބަންގުލަދޭޝްގެ އެމްޑީ ފައިސަލް އަހުމަދު ފަހީމް ފޮނުވާލި ހަމަލާ، ލުބުނާން ކީޕަރު އަލީ ސަބާހް ވަނީ މަތަކޮށްފައެވެ. މިއީ މުޅި މެޗުގައިވެސް ލިބުނު އެންމެ ހުސް ފުރުސަތެވެ.

ބަނގްލަދޭޝް އަށް ލިބުނު މި ހުސް ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވީ މެޗުގެ 79 ވަނަ މިނެޓުގައި ލުބުނާނުން ލަނޑު ޖަހާ މެޗުގެ ލީޑު ނެގުމެވެ. ކަރީމް ޑާވިޗް ދިން ބޯޅައަކުން ލުބުނާން ލީޑު ހޯދައިދިން މި ލަނޑު ޖަހައިދިނީ އެޓީމުގެ ކެޕްޓަން ހަސަން މާތޫކްއެވެ. ލުބުނާންގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޚަލީލް ބަޑޭރްއެވެ.

ގުރޫޕް ބީ ގެ ދެވަނަ މެޗު މިރޭ ކުޅޭއިރު، މި މެޗުގައި ބައްދަލުކުރާނީ ބޫޓާން އަދި ރާއްޖެއެވެ. މި މެޗު ފަށާނީ މިރޭ 7:00 ގައެވެ.