English Edition
Dhivehi Edition

ސާފމިހާރު އިންޑިއާގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ހަތަރުވަނަ މެޗުގައި މިރޭ ބައްދަލުކުރާ ދެ ޓީމަކީ ދިވެހިރާއްޖެ އާއި ބޫޓާން އެވެ. މި ދެޓީމުގެ ތެރެއިން ރާއްޖެ އަކީ މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމެވެ. ރާއްޖެއިން ވަނީ މިހާތަނަށް މި މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ. ބޫޓާނަށް ބަލާއިރު، އެ ޓީމަކީ މި މުބާރާތުގައި މާ ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ޓީމެއް ނޫނެވެ. މިހާތަނަށް އަދި މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިއަދުގެ މެޗަށް މި ދެޓީމު ނިކުންނައިރު، މި ދެޓީމަކީ ގުރޫޕް ބީ ގައި ހިމެނޭ ދެ ޓީމެވެ. މިއީ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ދެ ޓީމުންވެސް ކުޅޭ ފުރަތަމަ މެޗެވެ.

ދިވެހިރާއްޖެ

ރާއްޖެއަކީ އިންޑިއާއަށް ފަހު ދެވަނައަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖެއަކީ މި މުބާރާތް ދެވަނައަށް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ގައުމު ވެެސް މެއެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 11 މުބާރާތެއްގައި ވާދަކޮށްފައިވާއިރު ރާއްޖެ ވަނީ މި މުބާރާތުގެ ތަށި ދެ ފަހަރު ހޯދާފައެވެ.

ރާއްޖެ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ރާއްޖެ ވަނީ އެގައުމުން ވާދަކުރި ދިހަ މުބާރާތުގެ ސެމީ ފައިނަލް ކުޅެފަ އެވެ. އޭގެ ތެރެއިން ފަސް މުބާރާތެއްގެ ފައިނަލް ކުޅެފައިވާއިރު، ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ.

ރާއްޖެ ފައިނަލުގައި ކުޅެފައިވަނީ 1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުގައާއި 2003 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވި މުބާރާތާއި، 2008 ވަނަ އަހަރު ރާއްޖެއާއި ސްރީލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރާއި 2018 ވަނަައަހަރު ބަނގްލަދޭޝްގައާއި ބޭއްވުނު މުބާރާތުގައެވެ.

މީގެ ތެރެއިން މުބާރާތުގެ ތަށި ރާއްޖެއިން ނަގާފައިވަނީ 2008 ވަނަ އަހަރާއި އެންމެ ފަހުން 2018 ވަނަ އަރު ބޭއްވި މުބާރާތުގައެވެ. މި ދެ ފަހަރުވެސް ރާއްޖެ ތަށި ނެގީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހުގައެވެ.

ނިސްބަތުން ރާއްޖެއަކީ ވެސް މި ސަރަހައްދުގެ އެހެން ގައުމަތަކާއި އަޅާބަލާއިރު ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ގައުމެކެވެ. އޭގެތެރޭގައި ހަމްޒާ މުޙައްމަދު، ނާއިޒް ޙަސަން، އަލީ ފާސިރު، އަޙުމަދު ނޫމާން ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ބޫޓާން

ހަތް ލައްކަ މީހުންގެ އާބާދީގެ މައްޗަށް އެކުލެވޭ ބޫޓާން ފާހަގަވެފައިވަނީ ފުޓުބޯޅައިގައި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ފެންވަރު ދަށް ޓީމުގެ ގޮތުގައެވެ. ބޫޓާނަކީ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕުގައިވެސް ކާމިޔާބު ގައުމެއް ނޫނެވެ. މިހާތަނަށް އެ މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

2003 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި މުބާރާތުން ފެށިގެން އެންމެ ފަހުން ރާއްޖޭގައި ބޭއްވި މުބާރާތް ފިޔަަވައި ދެން ހުރިހާ މުބާރާތެއްގައި ބޫޓާނުން ވަނީ ވާދަކޮށްފައެވެ. ނަމަވެސް 2008 ވަނަ އަހަރުގެ މުބާރާތް ފިޔަވައި އެޓީމަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވޭގޮތް ވަނީ ނުވެފައެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2021 ގައި ބޫޓާނުން ބައިވެރިވެފައެއް ނުވެއެވެ.

ބޫޓާނަކީ ހުނަރުވެރި ކުޅުންތެރިން އުފެދޭ ގައުމެއް ނޫނެވެ. އެހެން ކަމުން އެ ގައުމުގައި މާ މޮޅެތި ހުނަރުވެރި ކުޅުންތެރިންތަކެއް ނުތިބެއެވެ. ބޫޓާނުގެ ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޗެންޗޯ ޔެލްޓްޝަންއެވެ. ޗެންޗޯ އަކީ އޭސިއާގެ އެހެން ގައުމުތަކުގެ ކުލަބުތަކަށް ވެސް ކުޅެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިއެކެވެ. ތައިލެންޑާއި އިންޑިއާގެ ކުލަަބުތަަކަށް އޭނާ ކުޅުނެވެ.

ރާއްޖެ އާއި ބޫޓާންގެ ތާރީޚީ ކުރިމަތިލުންތަށް

ރާއްޖެ އާއި ބޫޓާން މީގެ ކުރިން 10 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އެއްވެސް މެޗަކުން ބޫޓާނަށް ރާއްޖެ އަތުން މޮޅެއް ހޯދިފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ އާއި ބޫޓާން މިހާތަނަށް ތިން ފަހަރު ބައްދަލުކޮށްފައިވެއެވެ. އެ ތިން ފަހަރުވެސް ބޫޓާން ވަނީ ރާއްޖެ އަތުން ބަލިވެފައެވެ.

ބޫޓާނާއި ރާއްޖެ ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ 7:00 ގައެވެ.