English Edition
Dhivehi Edition

ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަން ފޯވާޑް ކައި ހަވަޓްސް އާސެނަލް އަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް މަޝްޙޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރިޒިއޯ ރޮމާނޯ ބުނެފިއެވެ.

މިކަމާއި ގުޅިގެން ރޮމާނޯ އޭނާގެ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކައި ހަވަޓްސް އާސެނަލް ބަދަލުވާން އެއްބަސްވެފައިވާ ކަމަށާއި ވަރަށް އަވަހަށް މި ޑީލްގެ ކަންތައް ނިމޭނޭ ކަމަށެވެ.

އަދި ދާދި އަވަހަށް އާސެނަލް އާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ވެސް ނިމޭނޭކަމަށާއި، ހަވަޓްސް އާސެނަލްއާއި އެކު ސޮއިކުރާނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ހަވަޓްސް ދިގު މުއްދަތަކަށް އާސެނަލްއަށް ސޮއިކުރުމަށް ތައްޔާރުވެފައިވާއިރު، އޭނާ އާސެނަލް އަށް ބަދަލުވާނީ 65 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

އުމުރުން 24 އަހަރުގެ ހަވަޓްސް ޗެލްސީއަށް ބަދަލުވީ 2020 ވަނަ އަހަރު ބަޔާން ލެވަކޫޝަންއިންނެވެ. ޗެލްސީ ބަދަލުވެ ރަނގަޅު ކުޅުމެއް ދެއްކި ހަވަޓްސް ވަނީ މިހާތަނަށް ޗެލްސީއަށް ކުޅެދިން 139 މެޗުގައި 32 ލަނޑު ޖަހައިދީފައެވެ.