English Edition
Dhivehi Edition

ސާފް ޗެމްޕިއަންސިޕް ފުޓްބޯޅަ މުބާރާތް މިއަދު ފެށުނު އިރު، މުބާރާތުގެ ދެވަނަ މެޗުގައި މިރޭ އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާނެއެވެ. މި މެޗަކީ ފާހަގަކޮށްލެވޭ ފޯރިގަދަ މެޗަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. މި މެޗުގައި ބައްދަލުކުރާ ދެޓީމަށް ބަލާލާނަމެވެ.

ޕާކިސްތާން ޓީމް

އާބާދީގައި 249 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ ޕާކިސްތާނަކީ ފުޓުބޯޅައިގައި މާބޮޑު ތާރީހެއް އޮތް ގައުމެއް ނޫނެވެ. ސަރަހައްދީ ފުޓުބޯޅައިގައިވެސް މެއެވެ.

މިވަގުތު ފީފާ ރޭންކިންގެ 195 ވަނާގައި އޮތް ޕާކިސްތާން އެންމެ ފުރަތަމަ ސާޕް ސެމްޕިއަންޝިޕް ގައި ވާދަކުރީ 1993 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައެވެ. ޖުމުލަ ހަތަރު ޓީމު ވާދަކުރި މި މުބާރާތުގައި ޕާކިސަތާން ލައްވާލީ އެންމެ ފުލުގައެވެ. އެއީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެވިއެވެ. ޖެހިގެން އައި 1995 ވަނަ އަހަރުގެ މުބާރާތުންވެސް ޕާކިސްތާން ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

ޕާކިސްތާނުގެ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެޓީމަށް އެންމެ ރަނގަޅު ކާމިޔާބީއެއް ލިބުނީ 1997 ވަނަ އަހަރާއި 2005 ވަނަ އަހަރު އަދި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ޕާކިސްތާނުން ވާދަކުރިއެވެ. އަދި 1997 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ އެ ގައުމުން ހޯދައިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ޕާކިސްތާނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.

އެންމެ ފަހުން ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި މުބާރާތުގައި ސަސްޕެންޝަނުގެ ސަބަބުން އެގައުމު ވާދައެއް ނުކުރެއެވެ.

އިންޑިއާ ޓީމް

ސާފް ޗެމްޕިއަންޝިިޕް ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމަޕިއަން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ.

1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ އިންޑިއާއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރުމުގެ ޝަރަފު އޮތް ހަމައެކަނި ގައުމުވެެސް މެއެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތެއްގައި ވާދަކޮށްފައިވާއިރު އެގައުމުން ވަނީ މި މުބާރާތުގެ ތަށި ހަށް ފަހަރު ހޯދާފައެވެ.

ފީފާ ރޭންކިންގެ 101 ވަނާގައި މިވަގުތު އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެގައުމުން ވަނީ އެންމެ މުބާރާތެއް ފިޔަވާ ދެ ކުޅުނު ހުރިހާ މުބާރާތެއްގައިވެސް އެއް ކޮޅުން ފައިނަލުގައި ކުޅެފައެވެ. އެގައުމަށް ފައިނަލުގައި ވާދަ ނުކުރެވުނީ 2003 ވަނަ އަހަރު ބަންގަލަދޭސްގައި ބޭއްވުނު މުބާރާތުގައި އެކަންޏެވެ. އެ ފަހަރުގެ މުބާރާތުން އެގައުމު ކެޓީ ސެމީފައިނަލުގައި ބަނގްލަދޭސްއާއި ވާދަކޮށް ޕެނަލްޓީގައި 1-2 ގެ ނަތީޖާއިންނެވެ. މިހާތަނަށް އިންޑިއާއިން ސާފްޗެމްޕިއަންޝިޕް މުބާރާތުގެ 12 ފައިނަލެއް ކުޅެފައިވާއިރު، އެގައުމުން ވަނީ ހަށް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތް އެންމެ ގިނައިން ބާއްވާފައިވަނީ ވެސް އިންޑިއާގައެވެ. އިންޑިއާގައި މި މުބާރާތް ތިންފަހަރު ބާއްވާފައިވެއެވެ. މިފަހަރުގެ މުބަރާތަކީ އެގައުމުގައި ބާއްވާ ހަތަރުވަނަ މުބާރާތެވެ.

ޕާކިސްތާން އިންޑިއާ ގެ ތާރީޚީ ކުރިމަތިލުންތައް

ޕާކިސްތާނާއި އިންޑިއާ ވަނީ އެކި ގޮތްގޮތުން މީގެ ކުރިން 24 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ނުވަ ފަހަރު ބައްދަލުކުރިއެވެ. ޕާކިސްތާނަށް އިންޑިއާގެ މައްޗަށް ކުރި ހޯދިފައިވަނީ އެންމެ ފަހަރަކުއެވެ. އެއް މެޗު އެއްވަރުވިއިރު، އަނެއް ހަތް މެޗު ކާމިޔާބު ކޮށްފައިވަނީ އިންޑިއާއިންނެވެ.

ދެ ޓީމުގެ ފާހަގަކޮށްލެވޭ ކުޅުންތެރިން

ޕާކިސްތާން

ޕާކިސްތާން ޓީމަށް ބަލާއިރު، އެޓީމުގައި އެހެން ގައުމުތަކަށް އުފަން ނުވަ ކުޅުންތެރިން އެބަތިއްބެވެ. އޭގެތެރޭގައި އީސާ ސުލިމަން، އޮަޓިސް ޚާން، ރާހިސް ނަބީ، އަބްދުލް އަރުޝަދް، ހާރުން ހަމިދު، އަބްދުﷲ އިގްބާލް، ޙަސަން ބަޝީރު، އަދުނާން މުޙައްމަދު، ޔޫސުފް ބަޓް ފަދަ ކުޅުންތެރިން ހިމެނެއެވެ. މީގެ ތެރޭގައި އިނގިތޭސި ވިލާތުގެ އެސްޓަން ވިލާގެ އެކަޑަމީން ތަމްރީނުތައް ހޯދާފައިވާ މިހާރު ޕޯޗުގަލްގެ ދެވަނަ ޑިވިސަން ގެ ވިކްޓޯރިއާ ޑި ގިމަރެސްއަށް ކުޅެމުން އަންނަ އީސާ ސުލިމަން އާއި އިނގިރޭސި ދެވަނަ ޑިވިސަންގެ ކުލަބެއް ކަމުގައިވާ ގްރިމްސްބީ ޓޯން އެފްސީ އަށް ކުޅޭ އޮަޓިސް ޚާން ފާހަގަކޮށްލެވެއެވެ.

އިންޑިއާ

އިންޑިއާ ޓީމަށް ބަލާލާއިރު، އެ ޓީމަކީވެސް ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެކެވެ. އޭގެ ތެރޭވައި ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތްރީ ފާހަގަކޮށްލެވެއެވެ.