އެއްވެސް ބޭފުޅަކު ވެރިކަމަށް ދަހިވެތިވެގެން ނޫޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ލައްޒަތާއި އަރާމުގެ ވާހަކަ އަބަދު ދައްކަވަމުން ގެންދަވަން ނުވާނެ ކަމަށާއި އަބަދު ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަން ނުވާނެ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފިން ކަމަށާއި ޝައުގުވެރިވާ ކަމަކީ އެކަން ކުރެއްވުން ނޫން ކަމަށެވެ. އަދި ޝައުގުވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފާއި ތަނަވަސްކަން ހޯދައިދެއްވުމަށް ކަމަށެވެ.
މީގެ އިތުރުން ހާސްކަމުގެ ތެރޭގައި ރައްޔިތުން ނޫޅޭނެ ގޮތްތަކެއް ހޯދުމަކީ ވެސް އެމަނިކުފާނު ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.