English Edition
Dhivehi Edition

ބެލެނިވެރިންނަކީ އެމީހުންގެ ދަރިންނާއި މެދު ވަރަށް ދޮނި އުންމީދުތަކެއް ކުރަމުންއަންނަ ބައެކެވެ. މުޖުތަމަޢުގައި ބޭނުންތެރި، އަޚުލާގު ރަނގަޅު ތަޢުލީމީ ގޮތުން ޤާބިލް ދަރިންތަކަކަށް އެބައިމީހުންގެ ދަރިން ހެދުމުގެ ފޮނި އުންމީދުގައެވެ.

ނަމަވެސް ވޭތުވެ ދިޔަ 15 ވަރަކަށް އަހަރު ދުވަސްތެރޭ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑު ވުމަކަށް ވެފައިވަނީ ޒަމާނީ ޓެކްނޮލޮޖީއާއި އެކު ތައާރަފުވެފައިވާ ޒާތްޒާތުގެ އޮންލައިން ގޭމްތަކަށް އެބައިމީހުންގެ ދަރިން ދެވި ހިފުމެވެ. އެފަދަ ގޭމްތަކުގެ ސަބަބުން ދަރިންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުންނެވެ.

އެފަދަ ގޭމްތަކުގެ ސަބަބުން ދަރިންގެ އުގެނުމަށާއި އަޚުލާގަށް ކުރަމުންއަންނަ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑުކަން ބެލެނިބެރިން ފާހަގަކުރެއެވެ.

ކަންމިހެން ހުރިނަމަވެސް ގިނަ ސައިންސްވެރިންނާއި ނަފްސާނީ މާހިރުން ގަބޫލުކުރާ ގޮތުގައި ބައެއް ވީޑިއޯ ގޭމްތަކަކީ ކުދިންނަށް އެކަމުގެ ސަބަބުން ފައިދާތަކެއް ވެސް ކުރާ ގޭމްތަކެކެވެ. ސައިންސްވެރިންނާއި ނަފްސާނީ މާހިރުން ބުނާގޮތުގައި އެފަދަ ގޭމްތަކުން ކުދިންނަށް ކުރާ ފައިދާތަކުގެ ތެރޭގައި ކުޑަކުދިން ސްމާޓްވެ ޒަމާނީ ޓެކްނޮލޮޖީއަށް ފައްކާވެ، ތަޢުލީމު އުނގެނުމަށް ބާރު ލިބެެެއެވެ.

މާހިރުން ވިދާޅުވާ ގޮތުގައި ހުރިގާ ވީޑިއޯ ގޭމްތަކަކީ ކުދިންނަށް ގެއްލުންދޭ ގޭމުތަކެއް ނޫނެވެ. އެހެނީ ބައެއް ގޭމް ތަކަކީ އެކުދިންގެ ވިސްނުމާއި އިޖުތިމާއީ ގުޅުމާއި ހުނަރު ވަރަށް ފުރިހަމައަށް ލިއްބައިދޭ ގޭމްތަކެވެ. އެހެންކަމުން އެފަދަ ގޭމްތައް ކުދިން ކުޅުކަމުން މައްސަލައެއް ނެތެވެ. ނަމަވެސް އެކަން ކުރަންވާނީ ވަކި ހުދޫދެއްގެ ތެރެއިންކަމަށް ވެސް އެފަރާތުން ދެކެއެވެ.

ކުދިންނަށް ގެއްލުންވާފަދަ ވިޑިއޯ ގޭމްތައްވެސް ހުންނަކަމަށް ސައިންސްވެރިންނާއި ނަފްސާނީ މާހިރުން ބުނެއެވެ. އޭގެ ތެރޭގައި ތަޅާފޮޅާ އަނިޔާވެރި ގޭމްތަކާއި، ކުދިން އެކުދިންގެ އަޚުލާގީ މިންގަނޑުތަކުން ބޭރުކޮށްލާ މަގު އޮޅުވާފަދަ ގޭމް ތައް ހިމެނެއެވެ. އެފަދަ ގޭމްތަކަކީ ކުދިންނަށް އެއްވެސް ހާލަތެއްގައި ކަމުދާ ގޭމްތަކެއް ނޫނެވެ.

ކޮންމެ ގޮތެއްވިޔަސް ވީޑިއޯ ގޭމްކުޅެން ވަކި ހައްދެއް ނެތި، ގިނަ ވަގުތު ހޭދަކުރުމަކީ ކުދަކުދިންނަށް މާ ރައްކާތެރި ގޮތެއްނޫނެވެ. އެހެނީ ވީޑިއޯ ގޭމް ކުޅުމަށް ކުދިން ހޭދަކުރާ ވަގުތު ގިނަވިވަރަކަށް އެކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވެ، އެކަމަށް ދޭ ސަމާލުކަން އިންތިހާއަށް ކުޑަވާކަމަށް ދިރާސާތަކުން ދައްކައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ވީޑިއޯ ގޭމް އަށް އެޑިކްޓްވާ ކުދިންގެ އަޚުލަގީ ފެންވަރު ދަށްވެ، ބެލެނިވެރިންނާއި ޓީޗަރުންގެ ކުރިމަތީ ޒުވާބުކުރުމާއި މާރާމާރީ ހިންގުން ފަދަ ފަނާކުރަނިވި ސުލޫކުތައް ކުދިންގެ ކިބާގައި އަށަގަނެ އެވެ.

މި ނުބައި އާދަ ހުއްޓުވުމަށް ނެލެނިވެރިންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

މި ނުބައި އާދަ ދަރިންގެ ކިބައިގައި އަށަގަތަ ނުދިނުމަށް ބެލެނިވެރިންނަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އެގޮތުން ދަރިން ވީޑިއޯ ގޭމް ކުޅުމުގެ އާދަތައް އަށަގަތަ ނުދިނުމަށް ބެލެނިވެރިން އެކަން ވަރަށް ގާތުން މޮނިޓަރ ކުރުމަށް ބޮޑު ސަމާލުކަމެއް ދެވިދާނެއެވެ.

މީގެ ތެރޭގައި ދަރިން ކުޅެނީ ކޮންކަހަލަ ވީޑިއޯ ގޭމްތަކެއްކަން ދެނެގަތުމާއި، ކުދިންގެ ގޭމް ކުޅޭނެ ވަގުތާއި ނުކުޅެންވީ ވަގުތުތައް ކަނޑައަޅާ އެކަން ދެނެގަތުން ހިމެނެއެވެ.

އަނިޔާވެރިކަމާއި އަޚުލާގިއްޔަތަށް އަސަރުކުރާފަދަ ގޭމުތައް ދަރިން ކުޅުނަ ނުދިނުމަށް ޚާއްސަ ސަމާލުކަމެއް ބެލެނިވެރިން ދޭންވާނެއެވެ.