މީގެ ހަތަރު އަހަރު ކުރިން ފެންމަތިވި މަކަރާއި ހީލަތުގެ މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަމީޝާ ޕަޓޭލް އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެއެވެ.
އަމީޝާ އާއި ދެކޮޅަށް ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރު އަޖޭ ކުމާރު ސިންގް 2018 ވަނަ އަހަރު ހުށަހެޅި މަކަރާއި ހީލަތާއި ޗެކް ބައުންސްގެ މައްސަލައިގައި ބުނީ ޑެސީ މެޖިކްގެ ނަމުގައި ފިލްމެއް ކުޅުމަށް އަމީޝާ އެއްބަސްވުމުން އޭނާގެ އެކައުންޓަށް 2.5 ކްރޯޑް ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ. އަދި ފަހުން އެ ފިލްމު ނުކުޅެން ނިންމާ އަމީޝާ ވަނީ އަޖޭ ކުމާރުއަށް ފައިސާ އަބުރާ ދެއްކުމަށް ޗެކެއް ހަވާލުކޮށްފައެވެ.
އަމީޝާ ފޮނުވި 2.5 ކްރޯޑްގެ ޗެކް ބޭންކަށް ހުށަހެޅުމުން އެ ޗެކް ބައުންސްވެފައިވާއިރު މި މައްސަލަ ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ އެތައް ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުވުމަށް އަމީޝާއަށް އަންގާފައެވެ. އެހެންނަމަވެސް މި މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް އަމީޝާ ހާޒިރުވެފައި ނުވާއިރު އިއްޔެ ބޭއްވި އަޑުއެހުމަށް އޭނާ ވަނީ ހާޒިރުވެފައެވެ. އެހެން ޝަރީއަތްތަކަށް އޭނާ ހާޒިރުނުވުމުގެ ސަބަބުން ފުލުހުން ވަނީ ކޯޓު ތެރެއިން އަމީޝާ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި އަމީޝާގެ ކަފާލާތުގެ ދަށުން މިހާރު އޭނާ ދޫކޮށްލާފައިވާއިރު މި މަހުގެ 21 ވަނަ ދުވަހު އޮންނަ ޝަރީއަތަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގާފައެވެ.