ރައީސް ޔާމީންވަނީ ދިވެހިންގެ ވިސްނުންވެސް ތަރައްގީކޮށްދެއްވައިފައި ކަމަށް ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ދިވެހި ރައްޔިތުންވަނީ ވަރަށް ބޮޑަށް ހޭލުންތެރިވެފައި ކަމަށެވެ. އޭގެ ސަބަބުން ތަރައްގީއަކީ ކޮބައިކަމާއި، އެކަން ކޮށްދެވޭނީ ކިހައި ގާބިލް މީހުންނަށްކަންވެސް ރައްޔިތުން މިހާރު ދަންނަ ކަމަށެވެ.
ތިނަދޫ ރައްޔިތުންނަކީވެސް ތަރައްގީ ދަންނަ ބައެއް ކަމަށްވީތީ އެހެންރަށްރަށުގެ މީހުންނަށް ނަމޫނާ ދެއްކުމަށް ތިނަދޫ ރައްޔިތުން ނުކުންނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ތިނަދޫ ރައްޔިތުން އެބަޖެހޭ 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެނައުމަށް މަސައްކަތްކުރަން. އެކަމުގައި ރާއްޖޭގެ އެހެން ރަށްރަށަށް ނަމޫނާ ދައްކަންވެސް އެބަޖެހޭ،” އަބްދުއްރަހީމް ވިދާޅުވިއެވެ
.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ތިނަދޫ ދެމީހަކުވަނީ ގައުމަށް ޣައްދާރުވެފައި ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންބައެއް ކަމެއް އޭނާ ސީދާ ވިދާޅެއް ނުވެއެވެ.
އެކަމަކު އޭނާ އެ ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ތަމްސީލް ކުރައްވާ ދެ މެމްބަރުން ކަމަށްވާ ސައުދުﷲ ހިލްމީ އާއި އަބްދުﷲ އަހުމަދަށް ކަމަށް ބެލެވެއެވެ. އެ ދެބޭފުޅުންނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ދެމީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ދެބޭފުޅުންނެވެ.
ތަރައްގީގެ ކަންކަން ބާރަށް ކުރިއަށް ދަނިކޮށް ޕީޕީއެމްއާއި ރައީސް ޔާމީން ދޫކޮށްލައްވައިފައި އެމީހުން ދިޔައީ ކީއްވެތޯވެސް އަބްދުއްރަހީމް ވަނީ ސުވާލު ކުރައްވައިފައެވެ. “ގައުމަށް ޣައްދާރުވެ އަމިއްލަ އެދުން ކޮނޑުގައި އަޅައިގެން، ރާއްޖެ ބިދޭސީ ބައެއްގެ އަތްމައްޗަށް ދޫކޮށްލަން، ރާއްޖެ އިން އިސްލާމީ ވަހުދަތު ނަގާލަން، މި ރާއްޖޭގެ މިނިވަންކަން ނަގާލަން، މި ރާއްޖޭގެ ސިޔާދަތު ގެއްލުވާލަން، މި ރާއްޖޭގެ މިނިވަންކަން ނަގާލަން ނޫނިއްޔާ ކީއްކުރަންތޯ ވަޑައިގަތީ،” އޭނާ ސުވާލު ކުރެއްވިއެވެ. އެ ދެބޭފުޅުން ޣައްދާރުވިޔަސް ތިނަދޫގެ ރައްޔިތުން ތިބީ ރައީސް ޔަމީނާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.